ވިޔަފާރި / ޚަބަރު
ވީއައިއޭގެ އައު ޓާރމިނަލުން ގަލްފް އެއާރއަށް ޚިދުމަތް ދޭން ފަށައިފި

ގަލްފް އެއާރއިން ފުރުމަށް އިއްޔެ އައު ޓާރމިނަލުން ޗެކިންކުރި ފަތުރުވެރިންތަކެއް / ފޮޓޯ: އެމްއޭސީއެލް

ފަރުދުން
07 އޮކްޓޯބަރު 2025، 08:05
07 އޮކްޓޯބަރު 2025، 08:05
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާރމިނަލުން ގަލްފް އެއާރއަށް ޚިދުމަތް ދިނުމަށް އިއްޔެ ފަށައިފިއެވެ.
އައު ޓާމިނަލުން ގަލްފް އެއާރއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާރޕާސަން، އަބްދުالله ގިޔާސްއެވެ.
ރަސްމިއްޔާތުގައި ގަލްފް އެއާރގެ އެއަރޕޯޓް މެނޭޖަރު، މުޙައްމަދު އަރުޝަދު މުޙައްމަދު ނަވާސް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފްގެ އިތުރުން، އެމްއޭސީއެލް އާއި ގަލްފް އެއާރގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ގަލްފް އެއާރގެ ޗެކިން ކައުންޓަރުތައް ވެސް ވަނީ ރަސްމީކޮށް ހުޅުވައިފައެވެ. އަދި އެ ފްލައިޓުން ދަތުރުކުރި 77 ފަސިންޖަރުންނަށް، މުނާސަބަތާ ގުޅިގެން ވަނީ ހަދިޔާ ވެސް ދީފައެވެ.
މީގެ އިތުރުން، އައު ޓާރމިނަލަށް ކައިރިކުރި ގަލްފް އެއާރގެ ފުރަތަމަ މަތިންދާބޯޓު، GF145އަށް މަރުޚަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 18 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުޚަބާއެއް ކިޔައިފައެވެ.

ގަލްފް އެއާރއަކީ ބަހްރެއިންގެ ޤައުމީ އެއާރލައިނެވެ. އެ އެއާރލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 27 އޮކްޓޫބަރު 2019 ގައެވެ. ގަލްފް އެއާރއިން ބަހްރެއިން އާއި ރާއްޖެއާ ދެމެދު ދުވާލަކު އެއް ފްލައިޓް އަދި ރާއްޖެއާއި ލަންކާއާ ދެމެދު ވެސް ދުވާލަކު އެއް ފްލައިޓް އޮޕަރޭޓްކުރެއެވެ.
ގަލްފް އެއާރއަކީ ޓާރމިނަލް-1 އިން ޚިދުމަތް ދޭން ފެށި 9 ވަނަ އެއާރލައިނެވެ. އަދި މިއީ އެ ޓާރމިނަލަށް ބަދަލުކުރި މެދުއިރުމަތީގެ ދެވަނަ އެއާލައިން ވެސް މެއެވެ.
އައު ޓާރމިނަލުން މިހާރު ޚިދުމަތް ދޭން ފަށާފައިވާ އެއާލައިންތަކަކީ، މޯލްޑިވިއަން އެއާރ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާރ، ބެއިޖިންގް ކެޕިޓަލް އެއާރލައިންސް ބަޓިކް އެއާރ، ބެންކޮކް އެއާރވޭސް އަދި އިންޑިގޯއެވެ.