ޚަބަރު
ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނީ އަޅުގަނޑު: ޤާސިމް

މާމިގިލީ ރައްޔިތުންނާ މުޚާތަބުކޮށް ޤާސިމް އިބްރާޙިމް ވާހަކަފުޅު ދެއްކެވުން، ފޮޓޯ: ރައީސް އޮފީސް
2013ވަނަ އަހަރު ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމްއަށް ވެރިކަން ހޯއްދަވައިދެއްވީ ޤާސިމް އިބްރާޙިމްކަމަށް ވިދާޅުވެއްޖެއެވެ.
ޤާސިމް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކާޑެއްދޫ އެއާރޕޯޓުގެ މައްސަލައާ ގުޅިގެން ފެއްޓެވި ވާހަކަފުޅު ތެރެއިން ނުރުހުންވެ ވަޑައިގެން ހުންނެވިފަދަ ރާގަކަށް ޤާސިމް ވިދާޅުވީ، ރައީސް ޔާމީން ލަދުގަތަސް އަދި ކޯފާފުޅު ވިޔަސް އެއީ ތެދު ހަޤީޤަތް ކަމުގައެވެ.
އަޅުގަނޑޭ އޭނާއަށް (ރައީސް ޔާމީނަށް) އެ ވެރިކަން ހޯދާދީނީ. މިއީ ވެސް ހަޤީޤަގެއް، އަދި އެނގެންއޮތް ކަމެއް، ކިތަންމެ ލަދު ގަތަސް އަދި ރުޅި އަޔަސް.
ޤާސިމް ވިދާޅުވިއެވެ.
ކާޑެއްދޫ އެއާރޕޯޓުގެ މައްސަލައަށް އަލިއަޅުވާލައްވައި ޤާސިމް ވިދާޅުވީ، ރައީސް ޔާމީން ވަނީ އެ އާރޕޯޓު މި ސަރުކާރަށް ނެގުމަށް ނިންމުމުން، އެ ކަމަކީ ޤާސިމްއަށް ބަދަލެއް ދޭން ޖެހޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައިވާކަން ހާމަކުރައްވާފައެވެ. ނަމަވެސް ޤާސިމް ވިދާޅުވީ، މި ސަރުކާރުން އެ އެއާރޕޯޓު ތަރައްޤީ ކުރުމަށް ސަރުކާރަށް ނަގަން ނިންމިއިރު، މުއްދަތު ހަމަނުވާ އެއްބަސްވުމެއްއޮތް ކަމަށާއި އެ އެއްބަސްވުމާ ޚިލާފުނުވާކަމަށެވެ.
ނަމަވެސް ރައީސް ޔާމިންގެ ވެރިކަމުގައި ޤާސިމްގެ އަތުން އެ އެއާރޕޯޓު އަތުލެއްވީ ޤާނޫނާ ޚިލާފަށް އަނިޔާވެރިވެގެން ކަމުގައި ވިދާޅުވިއެވެ.
އޭނާގެ އަނިޔާވެރިކަމުންތާ އެ ކަން އެ ކުރީ، ޤާނޫނާ ޚިލާފަށް މީހަކަށް އަނިޔާއެއްތާ އެ ދިނީ. ފުލުހުން ގޮސް އެ ތަނުން އަޅުގަނޑުމެން ބޭލީ. ބޭލިއިރު 120 މިލިއަން އެތައް ރުފިޔާއެއްގެ އިންވެސްޓްމެންޓެއް އަޅުގަނޑުމެން އެ ތަނަށް ކޮށްފަހުރީ. ގެއްލުންވަމުން ދިޔައީ. އޭރު ޔާމީންގެ ސަރުކާރުންނޭ އެ ތަން ދިނީ ވެސް.
ޤާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ވެރިކަން ހޯއްދާދެއްވި ގޮތަށް އަލިއަޅުވާލަމުން ޤާސިމް ވިދާޅުވީ، 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޤާސިމް އަށާއި ޔާމީންއަށް ލިބިވަޑައިގެންނެވީ، ކޮންމެ ބޭފުޅަކަށް %25 ކަމުގައެވެ. އަދި ކުޑަކުޑަ ފަރަގަކުން ޤާސިމް ދެވަނަ ބުރަށް ނުދިއުމުން، އެ ބުރުގައި ޔާމީނަށް ދޮޅު އިންސައްތަ އިތުރުވީ ޤާސިމް އާއި އެ ބޭފުޅާއަށް ތާޢީދު ކުރައްވާ ބޭފުޅުން ފޯޓު ދެއްވުމުންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އަދި މިއީ އެންމެނަށް އެނގޭ ކަމެއް ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ބާޠިލް ކުރި ފުރަތަމަ ބުރުގައި ޤާސިމްއަށް ލިބިވަޑައިގެންނެވީ 50,422 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %24.07 އެވެ. އަދި އެ ބުރުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 53,099 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %25.35 އެވެ. އެ ބުރު ދެވަނަ ފަހަރަށް ކުރިޔަށް ގެންދިޔައިރު، ޤާސިމްއަށް ލިބިވަޑައިގެންނެވީ 48،131 ވޯޓެވެ. އަދި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 61،278 ވޯޓެވެ.
އެ އިންތިހާބުގެ ދެވަނަ ބުރުގައި ޤާސިމް ތާޢީދުކުރެއްވީ ރައީސް ޔާމީނަށްށެވެ. މިއާއެކު ރައީސް ޔާމީނަށް އިތުރަށް ލިބިލެއްވި 49،925 ވޯޓާއެކު ޖުމްލަ 111،203 ވޯޓު ލިބިވަޑައިގަތެވެ. އެއީ އެ ބުރުގައި ވޯޓުލީ މީހުންގެ %51.39 މީހުންނެވެ.