ޚަބަރު
2008ވަނަ އަހަރުގެ ފަހުން ރައީސް މުޢިއްޒުއަށް ވުރެ އިޚްލާސްތެރި ވެރިއަކު ނުދެކެން: ޤާސިމް

ރައީސް މުއިއްޒު މާމިގިލީގައި ވާހަަކަ ދެއްކެވި ޖަލްސާގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)
2008ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ވުރެ އިޚްލާސްތެރި ވެރިއަކު ނުދެކޭކަމަށް، ޖުމްހޫރީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، އޮނަރަބަލް ޤާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާޙިމް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަމިގިލީގައި މިރޭ އޮތް ޖަލްސާގައި ޤާސިމް ވިދާޅުވީ، 2008ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ވަލިއްޔުލްއަމްރުގެ މަޤާމަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން ކަންތައްތައް ކުރެއްވި ގޮތް ދެކެވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެ ހުރިހާ ބޭފުޅުންނާއި ރައީސް މުޢިއްޒުއާ ތަފާތު ކަމަށެވެ.
2008ވަނަ އަހަރުން ފެށިގެން ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ވުރެ އިޚްލާސްތެރިކަމާއެކު ވެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅަކު ވެރިކަމަށް އައި ތަނެއް އަދި އަޅުގަނޑު ނުދެކެން.
ޖުމްހޫރީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، އޮނަރަބަލް ޤާސިމް އިބްރާޙިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ، އެ މަނިކުފާނު އެކަން އެ ހާމަކުރެއްވީ ޤައުމަށް އެންމެ އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ހައިސއްޔަތުން ކަމުގައެވެ.
އަޅުގަނޑު މިވާހަކަ މި ދައްކަނީ، މި ދިވެހި އުއްމަތަށް ހެވާ ލާބަ އެދިގެން، އިޚްލާސްތެރިކާމާއި އަޒުމާއެކީގައި ހިތްވަރުކޮށް މަސައްކަތްކުރި، އަދި އެންމެ ބޮޑު އަނިޔާވެސް ލިބުނު މީހަކަށް ވެ ހުރެ.
ޤަސިމް އިބްރާޙިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ ރައީސް މުޢިއްޒުއަކީ އިޚްލާސްތެރި ބޭފުޅެއްކަމަށް ވިދާޅުވާ ސަބަބުތަކަށް ވެސް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއަކީ މަޑުމައިތިރިކަމާއެކު މުޢަމަލާތް ކުރައްވާ ބޭފުޅެއް ކަމަށާއި އަދި އަނިޔާވެރި ރައީސެން ނޫންކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކޯޓުތަކަށް އަތް ނުބޭނުމަކީ ވެސް ރައީޒް މުޢިއްޒުގެ ޚާއްޞަ ކަމެއްގެ ގޮތުގައި ސިފަކުރެއްވެވިއެވެ.
މަނިކުފާނަކީ އެއްވެސް ބޭފުޅަކަށް ކުޑައިމީސް ބަހެއް ވިދާޅުވި އަޑެއް އަޅުގަނޑު ނާހަން. އެއްވެސް ބޭފުޅަކު ސިޔާސީ ހައްޔަރަކަށް ގެންދިޔަ ތަނެއް ނުދެކެން. އެއްވެސް ފަނޑިޔާރަކު ސްޕްރީމް ކޯޓަށް ގެންގޮސް ތަޅުއެޅުވި ތަނެއް ވެސް ނުދެކެން.
ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ސިލްސިލާކޮށް ރައްޔިތުންގެ ޙާލު ބެއްލެވުމަށް، ރައްޔިތުންނާ ގާތަށް ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅުތަކަށް ޤާސިމް ވަނީ ތަޢުރީފު ކުރައްވާފައެވެ. ޤާސިމް ވިދާޅުވީ، ގިނަ ވަޒީރުންނާއި އަދި އެހެނިހެން ވެސް ސަރުކާރުގެ ވެރިންނާއެކީ ރައީސުލްޖުމްހޫރިއްޔާ މި ކުރައްވާ ދަތުރުފުޅު ތަކަކީ ކިހާ މުހިންމު ދަތުރުފުޅުތަކެއްކަން އެނގި ހާމަވެގެން ދިޔައީ، އެ މަނިކުފާނު އދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ދައުވަތު ދެއްވުމުން، ދަތުރުގައި ބައިވެރިވެވަޑައިގެންނެވުމުން ކަމުގައެވެ. މި ވާހަކަ ތަފްސީލުކުރައްވައި ވާހަކަފުޅު ދެއްކެވުމަށްފަހު ޤާސިމް ވިދާޅުވީ، މި ދަތުރުފުޅުތަކުން ވެސް ހާމަވެގެން ދަނީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކުގެ އިޚްލާސްތެރިކަން ކަމުގައެވެ.
ޤާސިމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުއަކީ ވަޢުދުތައް ފުއްދުމުގައި ވެސް އެންމެ އިޚްލާސްތެރި ވެރިޔާ ކަމުގައެވެ.