ޚަބަރު
އާރްއެސްޑަބްލިއު ސިސްޓަމްތަކާއެކު އައިސް ލިބުމުގެ މައްސަލަ ހައްލުވާނެ: ވަޒީރު ޝިޔާމް

މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރެވިގެންދިއުމާއެކު މަސްވެރިންނަށް އައިސް ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ލިބި މަސްވެރިންގެ އާމްދަނީ އިތުރުވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑު (އެލްއެލްއެފް) ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި އައިސް ލިބުމުގެ ދަތިކަމާއި، ތެލުގެ އަގު މަތިވުން ހިމެނޭ ކަމަށެވެ.
މި ދަތިތަކަށް ހައްލު ހޯދުމަށްޓަކައި، އާރްއެސްޑަބްލިއު ސިސްޓަމް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ތަޢާރަފުކުރުމާއި، މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން، މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައި، މަސްވެރިންގެ އާމްދަނީ އިތުރުވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
"މިޒަމާނަށް ބަލާއިރު މަސްވެރި އުޅަނދުފަހަރުގެ ފްލީޓް އަޕްޑޭޓްކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ގިނަ އުޅަނދުފަހަރު ބަނދެފައިވަނީ އަހަރުތަކެއް ކުރިންކަމުން، އެ އުޅަނދުފަހަރު މިހާރުގެ މިންގަނޑުތަކާ ނުބައްދަލުވެދާނެ" ކަމަށް ވަޒީރު ވިދާޅުވިއެވެ.
އާރްއެސްޑަބްލިއު މަޝްރޫޢުގެ މަޤްޞަދަކީ މަސްވެރި އުޅަނދުފަހަރަށް ދެމެހެއްޓެނިވި އަދި ހަކަތައިގެ ޤާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީއެއް ފޯރުކޮށްދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ. މި ނިޒާމުގެ ސަބަބުން، އުޅަނދުފަހަރަށް އައިސްޕްލާންޓްތަކަށް ބަރޯސާނުވެ ބާނާ މަހުގެ ފެންވަރު ދެމެހެއްޓުމުގައި އަމިއްލަ ފުދުންތެރިކަން ހާސިލުކުރެވޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވިފައިވާ އާރްއެސްޑަބްލިއު ފައިނޭންސިންގ ޕްރޮޖެކްޓުގެ ދަށުން، އާންމުކޮށް ފައިނޭންސިންގ ނުލިބޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.