Ads by Stelco

ޚަބަރު

އދ. ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

އދ. ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 އޮކްޓޯބަރު 2025، 04:30

06 އޮކްޓޯބަރު 2025، 04:30

އދ. ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްދޫއަށް ވަޑައިގެންނެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. އަދި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ދާއިރާގެ މަޖިލިސް މެންބަރާއި، ދިއްދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫޢުގެ ދަށުން 2،000 ކިއުބިކް  މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 558 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. މި މަޝްރޫޢަކީ 25.12 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެއެކު، ދިއްދޫގެ ރައްޔިތުންނަށް ހިމާޔަތްކުރެވިފައިވާ ރީތި ގޮނޑުދޮށެއް ލިބި، ރަށް ގިރުމުގެ މައްސަލައަށް ވެސް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން