Ads by Stelco

ޚަބަރު

އދ. ދިގުރަށު ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އދ. ދިގުރަށު ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 އޮކްޓޯބަރު 2025، 03:01

06 އޮކްޓޯބަރު 2025، 03:01

އދ. ދިގުރަށު ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަސައްކަތް ފަށްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ  ތެރެއިންނެވެ.

ދިގުރަށުގައި މިކަމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި ދަނގެތި ދާއިރާގެ މެންބަރު ޢަބްދުالله ރަޝީދު އާއި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ، އަދި ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް ޢުޘްމާން ބައިވެރިވެވަޑައިގެންނެވިއެވެ. 

ދިގުރަށު ގޮޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ދިގުރަށުގެ ގިރާ ސަރަޙައްދުގައި 420 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓަކާއި، 127 މީޓަރުގެ ބޮޑު ހިލަ ރިވެޓްމެންޓަކާއި، 15 މީޓަރުގެ ގްރޯއިންގެ އިތުރުން، ގޮޑުދޮށަށް ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 12،864،642.51 ރުފިޔާގެ އަގަށް 150 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާ ގޮތަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން