Ads by Stelco

ޚަބަރު

ދިގުރަށުގެ ތަރައްޤީއަށް 24 ގަޑިއިރުގެ ސިއްޙީ ޚިދުމަތާއި ކޮންވެންޝަން ސެންޓަރެއްގެ ޔަޤީންކަން!

ދިގުރަށުގެ ތަރައްޤީއަށް 24 ގަޑިއިރުގެ ސިއްޙީ ޚިދުމަތާއި ކޮންވެންޝަން ސެންޓަރެއްގެ ޔަޤީންކަން!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިގުރަށު ކައުންސިލާ ބައްދަލުކުރެއްވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 އޮކްޓޯބަރު 2025، 02:50

06 އޮކްޓޯބަރު 2025، 02:50

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިގުރަށަށް ކުރައްވާ ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ގިނަގުނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ. މިގޮތުން، ދިގުރަށު ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ކޮންވެންޝަން ސެންޓަރެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިގުރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މިހާރުވެސް ދިގުރަށުގައި ހިންގާ މަގުހެދުމުގެ މަޝްރޫޢާއި ސްކޫލުގެ އައު އިމާރާތަކީ ރަށުގެ ތަރައްޤީއާ ކުރިއެރުމަށް ނުހަނު ބޭނުންތެރި 2 މަޝްރޫޢުކަމަށެވެ. ޚާއްސަކޮށް ލޯކަލް ޓޫރިޒަމް ފުޅާގޮތެއްގައި ހިންގާ ދިގުރަށުފަދަ ރަށެއްގައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިންމުކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރަށުގެ މަގުތައް ރައްޔިތުން އެދޭ ފެންވަރަށް ހައްދަވައިދެއްވާނެކަމަށް އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ.

މި ދެ މަޝްރޫޢުވެސް ރައްޔިތުން އެންމެ އެދޭގޮތަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އަޅުގަނޑު ރައްޔިތުންނަށް އަރުވަން

ރައީސް

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އެކި މުއައްސަސާތަކުގައި ރަށުން ބޭރުން ޚިދުމަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެކަމަޑޭޝަން ބްލޮކެއް ޤާއިމުކޮށްދެއްވާނެކަމަށާއި، މިއީ ސަރުކާރުގެ ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ތެރެއިން ހިންގޭނެ މަޝްރޫޢެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ ދާއިރާއަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ދިގުރަށުގައި އަންނަ އަހަރު ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމަށާއި، އެ މަޝްރޫޢު ބަޖެޓުގައި ހިމަނުއްވާނެކަމަށެވެ. ހަމައެހެންމެ، ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދިގުރަށުގައި ކޮންވެންޝަން ސެންޓަރެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ދިގުރަށުގައިވެސް ޑޮލަރު އޭޓީއެމްއެއް ޤާއިމުކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ މަޝްރޫޢުތަކަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަށުގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވާ، މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްގެންގޮސް ފުރިހަމަކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން މަދުވެގެން 50 ގޯތިދޫކުރެވޭގޮތަށް އެ ޕްލޭން އިސްލާހުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ގޯތިދޫކުރުމުގެ ކަންކަން ވީހާވެސް އިންސާފުވެރިގޮތެއްގައި ކުރިއަށްގެންދިއުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން މަސައްކަތްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ރަށުގެ ގޯތީގެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނަން

ރައީސް


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ މުހިންމު ބޭނުމަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރު، ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަންކަން އޮޅުންފިލުވާ، އެމަގުން އެފަދަ މަޝްރޫޢުތައް ބައްޓަންކުރެއްވުންކަމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން