Ads by Stelco

ޚަބަރު

ދިގުރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފި

ދިގުރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފި

ދިގުރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 އޮކްޓޯބަރު 2025، 02:14

06 އޮކްޓޯބަރު 2025، 02:14

އދ. ދިގުރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިގުރަށަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނުގެ ފަރާތުން މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ.


މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޓެންޝަން އިމާރާތުގައި ޤާއިމުކޮށްފައިވާ ޚިދުމަތްތައް ބައްލަވާލައްވާފައެވެ. އާ އިމާރާތާއެކު ދިގުރަށުގެ ރައްޔިތުންނަށް ދެވޭ ސިއްޙީ ޚިދުމަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މި އިމާރާތުގައި މުހިންމު ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން އާއްމު ސިއްޙަތާ ގުޅޭ ޚިދުމަތްތައް ދޭ ޔުނިޓާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ކްލިނިކް އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް ހިމެނެއެވެ. މީގެއިތުރުން، މާބަނޑު މީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާދޭ ކްލިނިކާއި ކުޑަކުދިންގެ ސިއްޙަތުގެ ކްލިނިކް ވެސް ވަނީ މި އިމާރާތުގައި ޤާއިމުކޮށްފައެވެ.


ސިއްޙީ މަރުކަޒުގެ އިދާރީ މުހިންމު ޚިދުމަތްތައްވެސް ވަނީ އައު އިމާރާތަށް ބަދަލުކޮށްފައެވެ. މި އިމާރާތާއެކު ދިގުރަށުގައި ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންވާ ޖާގައިގެ މައްސަލަ ޙައްލުވެ، ޚިދުމަތްތައް ދިނުމަށް ބޮޑު ލުޔެއް ލިބި، ރައްޔިތުންނަށް އިތުރަށް ފަސޭހަވެގެންދާނެކަމަށް ބެލެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން