Ads by Stelco

ޚަބަރު

ދަނގެތީގައި ތިން މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށައިފި

ދަނގެތީގައި ތިން މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށައިފި

ދަނގެތީގެ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޮކްޓޯބަރު 2025، 10:25

06 އޮކްޓޯބަރު 2025، 10:25

އދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ދަނގެތީގައި ތިން މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވައިފިއެވެ.

އެގޮތުން އެ ރަށުގައި އެންމެ ފުރަތަމަ ކުރިޔަށްދިޔައީ ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެވެ. އެއަށްފަހު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށްފަހު، ދެން ކުރިޔަށް ދިޔައީ އެ ރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމެވެ.

ދަނގެތީގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ.

 އަދި އެ ރަށުގައި އޮތް ޚާއްޞަ ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. މި މަސައްކަތް ކުރިއަށްގެންދާނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، އާރުސީސީއާ ހަވާލުކޮށްގެންނެވެ. ޖުމްލަ 631 މިލިޔަން ރުފިޔާގެ މިމަޝްރޫޢު ނިމޭއިރު، ކައުންސިލް އިދާރާތަކުގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކައުންސިލް އިދާރާތަކުގެ މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެވެވި ދަތުރުފުޅުތަކުގެ ތެރެއިން، ގިނަ ކައުންސިލް އިދާރާތަކުގައި އެކަށީގެންވާ ޖާގަ ނެތުމާއި، އިމާރާތްތައް ބާވެފައިވުމާ ގުޅިގެން ކުރިޔަށް ގެންދެވުމަށް ނިންމެވި މަޝްރޫޢެކެވެ. އެގޮތުން މި މަސައްކަތުގައި އިސްކަން ދެއްވާނީ، ކައުންސިލްތަކުގެ ޙާލަތަށް ބެލުމަށްފަހު ކަމުގައި ވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ. 

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ އައު އިމާރާތްތަކުގެ ޢަމަލީ މަސައްކަތް މިހާތަނަށް ވަނީ ފަށާފައެވެ. އެގޮތުން 55 ކައުންސިލެއްގެ މަސައްކަތް ވަނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރުސީސީ)އާ ހަވާލުކޮށްފައެވެ. އަދި އިތުރު 50 ކައުންސިލެއްގެ މަސައްކަތް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށް، މިހާތަނަށް ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިދިޔަ ސެޕްޓެމްބަރުގެ ނިއަލަށްވަނީ ފުލުހުންގެ ޚިދުމަތް ފަށާފައެވެ.

ހަމައެއާއެކު، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަކީ ދުޅަހެޔޮ ސިއްޚަތެއްގައި ތިބުމަށްޓަކައި ކޮންމެ ރަށެއްގައި ހުރުން މުހިންމު ތަނެއްގެ ގޮތުގައި ކަނޑައަޅުއްވައި ކުރިޔަށް ގެންދަވާ މަޝްރޫޢެކެވެ. އެގޮތުން މި ސެންޓަރުންތައް މެދުވެރިކޮށް އިންޑޯ ގިނަ ކުޅިވަރުތަކެއް ކުޅުމަށް ރަށްރަށުގެ ޒުވާނުންނާއި އެކި އުމުރުފުރާގެ ބޭފުޅުންނަށް ފަހިވެގެން ދާނެކަމުގައި ސަރުކާރުން ފާހަގަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އދ. އަތޮޅަށް ފެއްޓެވި 3 ދުވަހުގެ ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން