ޚަބަރު
ރ. އިނގުރައިދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ރ. އިނގުރައިދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހު 2 ވަނަ ދުވަހު ރ. އިނގުރައިދޫ ޕޮލިހާއި ރަސްމާދޫ ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ، ހ. ފެހިއާލާ / މާލެ. ޙުސައިން ޙަބީބު (47އ) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރުކުރާކަމުގެ ތުހުމަތުގައި ކަމަށެވެ. އެގޮތުން، މި މީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މައްސަލައާ ގުޅިގެން ޙުސައިން ޙަބީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.