ޚަބަރު
ޕާސްޕޯޓުގެ ޚިދުމަތް ޅ އަތޮޅަށް: ބާކީ އެއް އަތޮޅު

ޅ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުން

ފަރުދުން
05 އޮކްޓޯބަރު 2025، 11:11
05 އޮކްޓޯބަރު 2025، 11:11
ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ޅ. ނައިފަރުގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ޅ. ނައިފަރުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. އެގޮތުން ޅ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި ޅ. ނައިފަރު ޚިޔާރުކުރެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ޅ. ނައިފަރުގައި ރޭ ވަނީ ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައި. ޅ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުަށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި ޅ. ނައިފަރު ޚިޔާރުކުރެވޭނެ.@lhacmv pic.twitter.com/ZZNpF6UGZH
— Maldives Immigration (@ImmigrationMV) October 5, 2025
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ. ނަމަވެސް މިމަހުގެ ނިޔަލަށް މި ޚިދުމަތް ރާޢްޖޭގެ ހުރިހާ އަތޮޅެއްގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މޯލްޑިވްސް އިމްރޭޝަނުން ވިދާޅުވީ ރައީސްގެ ވަޢުދާއެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ޚިދުމަތް ނުފެށި އޮތީ މިހާރު އެންމެ އަތޮޅެއްގައެވެ. އެއީ އދ. އަތޮޅެވެ. މި އަތޮޅުގައި މިހަފްތާގެ ތެރޭގައި ޕާސްޕޯޓުގެ ޚިދުމަތް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެމަނިކުފާނުގެ މިސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެންބަރުމަހުގެ 16ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.