ޚަބަރު
ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން ކުރައްވާ ބުރަ މަސައްކަތަށް މަޖިލީހުގެ ރައީސް ސާބަސް ދަންނަވައިފި

ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން: ފޮޓޯ- އެމްޑީޕީ

ފަރުދުން
04 އޮކްޓޯބަރު 2025، 07:51
04 އޮކްޓޯބަރު 2025، 07:51
ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން ކުރައްވާ ބުރަ މަސައްކަތަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސާބަސް ދަންނަވައިފިއެވެ.
މަޖިލީހުގެ ރައީސް ފުލުހުންނަށް ތަޢުރީފު ކުރައްވާފައި މިވަނީ، ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ޞުލްހަ އެއްވުމެއް ކަމަށް ބުނެ ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ހިންގި ހަމަނުޖެހުމުގެ ތެރެއިން އެއްވުން ހުއްޓުވުމަށް ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ކުރިމަތިލެއްވި ކަމަށްޓަކައެވެ. އެގޮތުން ފުލުހުންގެ މި މަސައްކަތަށް ތަޢުރީފު ކުރައްވާ، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަހީމް ވިދާޅުވީ، ޤައުމުގެ ޞުލްޙަމަަސްލަޙަތު ނަގާލުމަށް އެމް.ޑީ.ޕީ އިން ގަސްދުގައި ރާވައިގެން ރޭގެ މުޒާހަރާގައި ދިވެހި ފުލުހުންނާ ކުރިމަތިލާ ހިންގި ޙަރަކާތްތަކަށް ދިވެހި ފުލުހުން ދެއްކި ކެތްތެރިކަމާ ސާބިތުކަމަށް ތަޢުރީފު ޙައްގު ކަމަށެވެ. އެއާއެކު، ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން ކުރައްވާ ބުރަ މަސައްކަތަށް އައްސަރިބަހާ ސާބަސް ދަންނަވާކަމަށްވެސް އެ ޕޯސްޓުގައި ވެއެވެ.
ގައުމުގެ ޞުލްޙަމަަސްލަޙަތު ނަގާލުމަށް އެމް.ޑީ.ޕީ އިން ގަސްދުގައި ރާވައިގެން ރަޭގެ މުޒާހަރާގައި ދިވެހި ފުލުހުންނާ ކުރިމަތިލާ ހިންގި ޙަރަކާތްތަކަށް ދިވެހި ފުލުހުން ދެއްކި ކެތްތެރިކަމާ ސާބިތުކަމަށް ތަޢުރީފު ޙައްގު. ގައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން…
— Abdul Raheem Abdulla (@Banafsaa) October 4, 2025
އެމްޑީޕީ ގެ ފަރާތުން އިންތިޒާމުކޮށްކޮށްގެން މާލޭގައި ބޭއްވި އެއްވުން ކުރިއަށްގެންދިއުމުގައި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެއެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުންނާއި އެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ހިލާފަށް އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކޮށްފައިވެއެވެ. އެގޮތުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށާއި ކުރިން އެއްބަސްވެވިފައިވާގޮތަށް އެއްބަސްވުން ކުރިއަށް ގެންދިއުމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރިނަމަވެސް، އެއްވުމުގެ ބައިވެރިން އެގޮތަށް ޢަމަލުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.