Ads by Stelco

ޚަބަރު

އެއްބަސްވުމާ ޚިލާފުވުމުން އެއްވުން ހުއްޓުވުމަށް ޤާނޫނު ހުއްދަކުރާ ބާރުގެ ބޭނުންކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު: ފުލުހުން

އެއްބަސްވުމާ ޚިލާފުވުމުން އެއްވުން ހުއްޓުވުމަށް ޤާނޫނު ހުއްދަކުރާ ބާރުގެ ބޭނުންކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު: ފުލުހުން

ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން: ފޮޓޯ- އެކްސް

farudhun logo

ފަރުދުން

04 އޮކްޓޯބަރު 2025، 07:17

04 އޮކްޓޯބަރު 2025، 07:17

ރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި، އެއްބަސްވުމާ ޚިލާފުވުމުން އެއްވުން ހުއްޓުވުމަށް ޤާނޫނު ހުއްދަކުރާ ބާރުގެ ބޭނުންކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޞުލްޙަވެރި އެއްވުމެއްގެ ސިފަ އެއްވުމުގެ ބައިވެރިންގެ އަމަލުތަކުން ގެއްލިފައިވާކަން އެގެން އޮތުމާއި، އަދި އެ ޤާނޫނަށް ގެނެވުނު 1 ވަނަ އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މި ޚިދުމަތުގެ ފަރާތުން ލިޔުމުންދޭ ހުއްދައަކާ ނުލައި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައި އާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަން ފިޔަވައި އެހެން ސަރަޙައްދެއްގައި އެއްވުން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމުން ޤާނޫނު ނެގެހެއްޓުމުގެ ގޮތުން ފުލުހުންގެ ޚިދުމަތުގެ ފަރާތުން ނަޞޭޙަތާއި އިންޒާރު ދިނުމަށްފަހު އެ އެއްވުން ހުއްޓުވުމުގައި ޤާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ކޮށްފައިވާނެ ކަމުގައެވެ. 

މި ނޫސްބަޔާނުގައި ފުލުހުން ވިދާޅުވީ، އެމްޑީޕީ ގެ ފަރާތުން އިންތިޒާމުކޮށްކޮށްގެން މާލޭގައި ބޭއްވި އެއްވުން ކުރިއަށްގެންދިއުމުގައި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެއެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުންނާއި އެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ހިލާފަށް އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށާއި ކުރިން އެއްބަސްވެވިފައިވާގޮތަށް އެއްބަސްވުން ކުރިއަށް ގެންދިއުމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރިނަމަވެސް، އެއްވުމުގެ ބައިވެރިން އެގޮތަށް ޢަމަލުކޮށްފައި ނުވާކަން ފުލުހުން ފާހަގަ ކޮށްފައި ވެއެވެ. 

ހަމައެއާއެކު ފުލުހުންނާ ކުރިމަތިލައި، ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލުމާއި، ފުލުހުން ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުންތައް ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ޤާނޫނާއި ޚިލާފު ހަރަކާތްތަކެއް ހިންގާފައިވާކަން ނޫސްބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ފުލުހުން ވިދާޅުވީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވަނީ، ފުލުހުންގެ ޚިދުމަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކުން ފުލުހުންނަށް ލިބިދޭ ޤާނޫނީ ބާރާއި އިހުތިޔާރުގެ ދާއިރާގެ ތެރެއިންކަމުގައެވެ.  އެގޮތުން، އެއްވުން ހުއްޓުވައި އަމަން ޤާއިމުކުރުމުގައި ފުލުހުން ބޭނުންކޮށްފައިވާ ބާރަކީ، އެފަދަ ޙާލަތެއްގައި ބޭނުންކުރުމަށް ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ޤަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައްކަމާއ،ި އަދި އެފަދައިން ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާނެކަމުގައެވެ. 

ފުލުހުން ވިދާޅުވީ ރޭގެ އެއްވުން ކޮންޓުރޯލް ކުރުމުގައި ހަރަކާތްތެރިވި 3 ފުލުހަކަށް އަނިޔާވެފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން ފުލުހަކާއި 2 ފިރިހެން ފުލުހުންނެވެ. އަދި އަނިޔާވި 2 ފުލުހުންނަށް ސެނަހިޔާ ހޮސްޕިޓަލުގައާއި އަނިޔާވި އަނެއް ފުލުސްމީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން