ޚަބަރު
އަންހެނުންނަކީ ސުލްހަ މަސަލަސްކަން ޙިމާޔަތްކޮށް، މުޖުތަމަޢުގައި ޤާބިލުކަން އިތުރުކޮށްދޭ ވަރުގަދަ ރަމްޒެއް: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު

ފަރުދުން
04 އޮކްޓޯބަރު 2025، 04:11
04 އޮކްޓޯބަރު 2025، 04:11
އަންހެނުންނަކީ ސުލްހަ މަސަލަސްކަން ޙިމާޔަތްކޮށް، މުޖުތަމަޢުގައި ޤާބިލުކަން އިތުރުކޮށްދޭ ވަރުގަދަ ރަމްޒެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ހެނދުނު އޮތް "މޯލްޑިވްސް ވިމެން އިން ޕޮލީސިންގް ސަމިޓް 2025" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޔުނިފޯމުއަޅައިގެން ޚިދުމަތްކުރާ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމު ކަމަށާއި، އަންހެނުންނަކީ ސުލްހަ މަސަލަސްކަން ޙިމާޔަތްކޮށް، މުޖުތަމަޢުގައި ޤާބިލުކަން އިތުރުކޮށްދޭ ވަރުގަދަ ރަމްޒެއް ކަމުގައެވެ. ހަމައެއާއެކު، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، ސިފައިންނާއި ކަސްޓަމްސްއާއި، އިމިގްރޭޝަނާއި އަދި މިނޫންވެސް، ޔުނިފޯމުއަޅައިގެން ޚިދުމަތްކުރާ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް ތަފާތުކަން ފާހަގަކުރައްވައި، އަންހެނުންނަކީ ޤާނޫނު ނެގެހެއްޓުމުގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ހިތްވަރުދޭ ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ސައިބަރ ކްރައިމްއާއި، އިންސާނީ ވަގުފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކާރިޘާތަކާއި، ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތައް ފަދަ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ސަލާމަތާ ގުޅުންހުރި މައްސަލަތައް އިތުރުވަމުންދާކަމުގައެވެ. އެއާއެކު، މި ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމުކަމަށާއި، ސަލާމަތާއި ހިމާޔަތްދިނުމުގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން، މަސައްކަތްކުރުމަކީ، އެކަނބަލުންގެ ހުނަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ފުރުޞަތުތަކެއްގެ ގޮތުގައި ދެކިވަޑައިގަތުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
"މޯލްޑިވްސް ވިމެން އިން ޕޮލީސިންގް ސަމިޓް 2025"ގައި ވާހަކަ ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ހަމަހަމަކަމާއެކު އަންހެނުން ބަލައިގަންނަ މާހައުލެއް ގާއިމް ކުރުމަށް މަސައްކަތްކުރެއްވުމަށް ސަމިޓުގެ ބައިވެރިންނަށް ހިތްވަރު ދެއްވާފަ އެވެ. އަދި އަންހެނަކު، އޭނާގެ މުޖުތަމަޢު ދިފާޢު ކުރުމަށް ފިޔަވަޅު އަޅާއިރު، އިންސާފުގެ އަސްލަކީ އެ އަންހެން މީހާކަންވެސް އެކަމަނާ ހަނދާންކޮށްދެއްވިއެވެ.
"އެމްޕަވަރޑް ވިމެން: ސޭފަރ ކޮމިއުނިޓީސް" މިޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓަކީ ސަލާމަތީ ދާއިރާތަކުގައި އަންހެނުންގެ ކުރިއެރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ސަމިޓެކެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "މޯލްޑިވްސް ވިމެން އިން ޕޮލިސް ޗެލެންޖް" ގެ ރަމްޒީ "ފައިސާ" ފޮއްޗެއް ތަޢާރަފްކޮށްދެއްވާފައެވެ.