ޚަބަރު
ފްލޮޓީލާއަށް އިޒްރޭލުން ހުރަސްއެޅުން ކުށްވެރިކުރަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

މަޖިލިސް އިދާރާ

ފަރުދުން
02 އޮކްޓޯބަރު 2025، 11:21
02 އޮކްޓޯބަރު 2025، 11:21
އިސްރާއީލުން ބަނޑަށް ޖައްސާފައިވާ ފަލަސްތީނުގެ ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރު ކުރަމުން އަންނަ "ގްލޯބަލް ސުމޫދު ފްލޯޓިލާ" ގެ ބޯޓުތަކަށް އިސްރާއީލުން ހުރަސް އަޅަމުންދާތީ އެކަން ކުށްވެރިކޮށް، ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.
ގްލޯބަލް ސުމުދް ފްލޮޓީލާއަށް އިޒްރޭލުން ހުރަސްއެޅުމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު އެވެ. މި ކުއްލި މައްސަލައިގައި ގޮވާލާފައި ވަނީ އިންސާނީ އެހީ އާއި ބޭސް ހިފައިގެން ގާޒާއަށް ކަނޑުމަގުން ދަތުރުކުރަމުންދާ އެހީގެ ލަޝްކަރަށް އިޒްރޭލުން ހުރަސް އެޅުމުން އެކަން ދިވެހި ދައުލަތުން ކުށްވެރި ކުރުމަށެވެ.
މި މައްސަލައަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި އަދުގެ ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވޭނެ ގޮތް ހެދުމާއި ބައިނަލްއަޤުވާމީ އެކި އެކި ޕްލެޓްފޯމުގައި އިޒްރޭލުގެ އަނިޔާވެރިކަން ކުށްވެރިކޮށް އެ ޢަމަލުތަށް ހުއްޓުވުމަށް ގޮވާލާކަން ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު ޒަމާނުއްސުރެ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި ރާއްޖޭން ވަކާލާތު ކުރައްވާ ކަމަށާއި، އަދުގެ ސަރުކާރުންވެސް ފަލަސްޠީނަކީ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަނެ، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ހަރުއަޑުން ގޮވާލަމުންދާކަމަށްވެސް މެމްބަރުން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ފަލަސްޠީނުގެ ޙައްގުގައި މިހާތަނަށް ރާއްޖޭގެ ވެރިޔަކު ދުނިޔޭގެ އެކި ޕޯޑިއަމްތަކުގައި އެންމެ ގިނައިން ވާހަކަދައްކަވައި، އަޑުއުފުލެއްވި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަަންވެސް މެމްބަރުންގެ ބަހުސްގައި ފާހަގަ ކުރެއްވިއެވެ. އެއާއެކު އިޒްރޭލާ ދެކޮޅަށް އެންމެ ގިނައިން ވޯޓު ދީފައިވަނީވެސް މި ސަރުކާރުންކަން ފާހަގަ ކުރިއެވެ.
ޣައްޒާގެ ޙިޞާރު ފޫއަޅުވައިލާ ބަނޑަށް ޖެއްސުން ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ ގެ އުޅަނދުތަކަށް ކަނޑުމަތިން ހުރަސްއަޅައި، ހައްދުފަހަނައެޅި ޔަހޫދީ އިސްރާއީލުން ހުއްޓުވާލި ޢަމަލު ރައީސުލްޖުމްހޫރިިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ރައީސް ވިދާޅުވީ މިނިވަންކަމާއި އަސާސީ ބޭނުންތަކުން މަޙްރޫމްވެފައިވާ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދިޔަ އިންސާނީ އެހީގެ ޤާފިލާއަކަށް ހަމާތަށް އަމާޒުކުރުމަކީ އިންސާނިއްޔަތަށާއި ބައިނަލްއަޤްވާމީ ޤާނޫނަށް ކޮށްފައިވާ ފުރައްސާރައެއް ކަމުގައެވެ. ހަމައެއާއެކު އިސްރާއީލު ވަނީ އިންސާނީ ޤަދަރަށް ތަކުރާރުކޮށް އިޙްތިރާމް ނުކުރުމާއި، އަނިޔާވެރިކަމާއި ހައްދުފަހަނައެޅުމުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކާއި އެކަހެރިވެފައި ކަމުގައިވެސް އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެއެވެ.