ޚަބަރު
ގްލޯބަލް ސުމޫދު ފްލޮޓިލާ އިޒްރޭލުން ހުއްޓުވާލި ޢަމަލު ރައީސުލްޖުމްހޫރިިއްޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި

ގްލޯބަލް ސުމޫދު ފްލޮޓިލާ ދަތުރުކުރަމުން ދަނީ: ފޮޓޯ- ފޭސްބުކް

ފަރުދުން
02 އޮކްޓޯބަރު 2025، 10:29
02 އޮކްޓޯބަރު 2025، 10:29
ޣައްޒާގެ ޙިޞާރު ފޫއަޅުވައިލާ ބަނޑަށް ޖެއްސުން ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ ގެ އުޅަނދުތަކަށް ކަނޑުމަތިން ހުރަސްއަޅައި، ހައްދުފަހަނައެޅި ޔަހޫދީ އިސްރާއީލުން ހުއްޓުވާލި ޢަމަލު ރައީސުލްޖުމްހޫރިިއްޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މި ޢަމަލު ކުށްވެރި ކުރައްވާ، ސޯޝަލް މީޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބައިނަލްއަޤްވާމީ ކަނޑުގައި ދަތުރުކުރަމުންދިޔަ، ހަތިޔާރު ނުހިމެނޭ މަދަނީ އުޅަނދުފަހަރުގައި ޣައްޒާއަށް މުހިންމު އިންސާނީ އެހީ އުފުލަމުންދިޔަ ގްލޯބަލް ސުމޫދު ފްލޮޓިލާ އިޒްރޭލުން ހުއްޓުވާލި ޢަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މިފަދަ ބިރުދެއްކުމުގެ ޢަމަލުތަކަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި މިފަދަ ކަންކަމަށް ފުރުޞަތު ދީގެން ނުވާނެ ކަމުގައެވެ.
Strongly condemn Israel’s interception of the Global Sumud Flotilla in international waters, unarmed civilian vessels carrying vital humanitarian aid to Gaza. Such intimidation is unacceptable and must not be tolerated. Targeting a humanitarian convoy carrying relief to a…
— Dr Mohamed Muizzu (@MMuizzu) October 2, 2025
ރައީސް ވިދާޅުވީ މިނިވަންކަމާއި އަސާސީ ބޭނުންތަކުން މަޙްރޫމްވެފައިވާ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދިޔަ އިންސާނީ އެހީގެ ޤާފިލާއަކަށް ހަމާތަށް އަމާޒުކުރުމަކީ އިންސާނިއްޔަތަށާއި ބައިނަލްއަޤްވާމީ ޤާނޫނަށް ކޮށްފައިވާ ފުރައްސާރައެއް ކަމުގައެވެ. ހަމައެއާއެކު އިސްރާއީލު ވަނީ އިންސާނީ ޤަދަރަށް ތަކުރާރުކޮށް އިޙްތިރާމް ނުކުރުމާއި، އަނިޔާވެރިކަމާއި ހައްދުފަހަނައެޅުމުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކާއި އެކަހެރިވެފައި ކަމުގައިވެސް އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެއެވެ.
ރައީސް ވަނީ، އަޚްލާޤީ މިންގަނޑުތަކަށްވުރެ ބޮޑަށް ހައްދުފަހަނައަޅައި ގޮސް، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންދާ ނުރައްކާތެރި ޢަމަލުތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ޙައްޤުތަކާއި، ޢަދުލު އިންސާފާއި، ސުލްޙައާއި އަމާންކަމަށް ގޮވާލުމުގައި ދިވެހިރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަމާއެކު ދެމިހުންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައި ވެއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންދާ ޔަހޫދީން، ފްލޮޓިއްލާއަށް ހުރަސްއަޅާފައި ވަނީ އެ އުޅަނދުތައް ޣައްޒާއާ 80 ނޯޓިކަލް މޭލަށް ކައިރިވެފައި ވަނިކޮށް، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުންނެވެ. ޔަހޫދީންގެ ވިއްސަށް ވުރެ ގިނަ މަނަވަރު އެ ސަރަޙައްދުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. ފްލޮޓިއްލާއާ މުވާޞަލާތީ ގުޅުން އެއްކޮށް ކެނޑިފައިވާ ކަމަށް ދަތުރު އިންތިޒާމް ކުރާ ފަރާތްތަކުން ބުނެއެވެ. ޔަހޫދީ ސިފައިން ދަނީ އުޅަނދުތަކަށް އަރައި މީހުން ހައްޔަރު ކުރަމުންނެވެ.