ޚަބަރު
ކުށް ޤަބޫލުނުކޮށް އެމްޑީޕީން އޮޑިޓް ރިޕޯޓު އާންމުކުރުން ކުށްވެރިކޮށްފި

އެމްޑީޕީގެ ރަންރީނދޫ އިވެންޓުގެ ތެރެއިން: ފޮޓޯ- އެމްޑީޕީ

ފަރުދުން
30 ސެޕްޓެމްބަރު 2025، 01:05
30 ސެޕްޓެމްބަރު 2025، 01:05
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ހިޔާނާތްތަކުގެ ތަފްސީލު ހިމެނޭ އޮޑިޓް ރިޕޯޓަކީ, ރޭގަނޑު ދަންވަރުގެ ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓު ރިޕޯޓެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ޚާއްސަ އޮޑިޓް ރިޕޯޓްގައިވާ ގޮތުން، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ވައްކަމަކީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏެއްގެ ތެރެއިން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ. އެގޮތުން، ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުގައި ފެނަކައިން 2.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މިކަމާ ދެކޮޅަށް އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އެ ކަމެއް ބަލައި އިންސާފުވެރި ޝަރީއަތަކުން ގޮތް ކަނޑައެޅުމަށް އެޕާޓީން މަރުހަބާ ކިޔާކަމަށެވެ. އަދި ސަރުކާރުގެ ޕްރޮޕަގަންޑާ މެޝިނުން ފަތުރަމުން އަންނަ ތޯތޯ ވާހަކަތަކަށް އެ ޕާޓީން ޖަވާބުދާރީވާނީ އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއްގައި ކަމަށްވެސް ބުނެފައި ވެއެވެ.
އެމްޑީޕީން އިތުރަށް ބުނީ، މިފަދަ ރިޕޯޓެއް ނެރުނުއިރު އެ ކަމުގައި ޝާމިލުވާ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކުރުމެއް ނެތި މި ރިޕޯޓު އާންމުކުރުމަކީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ރިޕޯޓެއްކަން ސާބިތުވާ ކަމެއް ކަމަށެވެ. އެއާއެކު ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓަކީ މި ސަރުކާރުން އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް ދެކޭކަަމަށްވެސް ބުނެފައިވެއެވެ. އަދި އެ ރިޕޯޓަކީ 3 އޮކްޓޯބަރުގައި ބާއްވާ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެއް ކަމަށާއި، ރައްޔިތުންގެ ނުރުހުން ސަރުކާރަށް އިންތިހާއަށް އޮތުމާއެކު ޕްރޮޕަގަންޑާ ފެތުރުމަށް 2 އޮކްޓޯބަރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ އެތައް ބިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައަށް ލިޔެކިއުމުން ކަންބޮޑުވުން ފާޅުކުރުމުންވެސް ކުރީގެ ރައީސް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ދެއްވީ ބީރު ކަންފަތެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެކުންފުނީގައި ކޮރަޕްޝަން ހިންގާ ކަމަށާއި، ކަންބޮޑުވާން ޖެހޭ ވަރަށް ޚިޔާނާތް ވަމުންދާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ސަމާލުވާން ޖެހޭކަން ފާހަގަކޮށް އެމަނިކުފާނަށް އޭރުގެ ފެނަކައިގެ ރައީސް ސިޓީއެއް ފޮނުއްވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީން މި ބޮޑު ކޮރަޕްޝަން މައްސަލަ ދިފާޢުކޮށް، އޮޑިޓަރ ޖެނެރަލާއި، އެ އޮފީހާއި އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓު ވަނީ ކުށްވެރިކޮށްފައެވެ.