ޚަބަރު
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއްކޮށްފި

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫން، ފޮޓޯ: ސަން
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް މިއަދު ކޮށްފިއެވެ.
އެ ކުންފުނީގެ ކުރީގެ އެމްޑީ، އަބްދުﷲ މައުމޫންގެ މައްޗަށް ކުރި މި ޙުކުމަކީ، އޭނާގެ މައްޗަށް ދަޢުލަތުން ކުރި 7 ދަޢުވާގެ ތެރެއިން ދެ ދަޢުވާއެއް ސާބިތުވެގެންކުރި ޙުކުމް ތަކެކެވެ.
މަޢުމޫންގެ މައްޗަށް ދަޢުލަތުން ދަޢުވާކުރީ، ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި، މޯލްޑިވް ގޭސްގެ އެމްޑީގެ މަޤާމުގައި ހުންނަވައިގެން 2016ވަނަ އަހަރު ރިޝްވަތުގެ ފައިސާ ނެގިކަމަށް ތުޙުމަތުކުރެވޭ މައްސަލައެއްގައެވެ.
މަޢުމޫންގެ މައްޗަށް ސާބިތުވި ދެ ދަޢުވާއާ ގުޅިގެން ކޯޓުން ޖުމްލަ އިއްވީ 12 އަހަރާއި 9 ނުވަ މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ. އެއީ ކޮންމެ ދަޢުވާއަކަށް 6 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ.
ކޮންމެ ދަޢުވާއަކަށް، ދިގު މުއްދަތަކަށް ޙުކުމް އިއްވީ، އަދަބުގެ ދަރަޖަ މަތިކޮށް، ބޮޑު އަދަބެއް މައުމޫންގެ މައްޗަށް ކުރުމަށް ދަޢުލަތުން އެދިފައިވާތިއެވެ. ނަމަވެސް ޤާނޫނުލްއުގޫބާތުގެ ދަށުން ރިޝްވަތުގެ ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމެވެ.
މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން މި މައްސަލަ ކުރިޔަށް ދިޔަ ނަމަވެސް، މިއަދާ ހަމައަށް މައުމޫން ހުރީ ފުލުހުންގެ ހައްޔަރަކު ނޫނެވެ. ޕީޕީއެމްގެ ވެރިކަން ނިމުމާއެކު، މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުން ދަނިކޮށް ، އޭނާ ވަނީ ޤައުމުން ބޭރަށް ވަޑައިގެންނެވުމަށްފަހު ގިނަ ދުވަސްތަކެއް ބޭރުގައި ހޭދަކުރައްވާފައެވެ. އޭނާ އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އަދި މައުމޫން ރާއްޖެ ވަޑައިގެންނެވުމާއެކު، އޭނާ ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވެއެވެ.
މިއަދު ޙުކުމްކުރި މަޖިލީހަށް މައުމޫން ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އޭނާ ކޯޓަށް ހާޒިރުކުރީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެންނެވެ.
މައުމޫންގެ މައްޗަށް މިއަދު ޙުކުމްކުރިއިރު، ނިމުނު އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އެމްޑީގެ މަޤާމުގައި ހުންނެވި އަޙުމަދު ސަޢީދު މުޙައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ އިއްޔެ ހުކުމްކޮށްފައެވެ.