ވިޔަފާރި / ޚަބަރު
ރ. އަނގޮޅިތީމުގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި

ރ. އަނގޮޅިތީމުގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފެށުން
މާޅޮސްމަޑުލު އުތުރުބުރީ (ރ. އަތޮޅު)ގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެއަތޮޅު އަނގޮޅިތީމުގައިވެސް އޭޓީއެމް ޚިދުމަތް މިހާރު ވަނީ ފަށާފައެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ. މިކަމުގެ ސަބަބުން ރ. އަތޮޅުގެ މީހުންނަށް މާލީ މުއާމަލާތްތައް ކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
އަނގޮޅިތީމުގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން އެރަށުގައި ބޭއްވި ޚާއްސަ ރަސްމީއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވަނީ، ދިވެހިރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް މިފަދަ ޚިދުމަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންގެ އިތުރުން އެރަށު ކައުންސިލުގެ މެންބަރުންނާއި، އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ އަނގޮޅިތީމުގެ އޭޓީއެމުން ފައިސާ ނަންގަވައިދެއްވައި، ރަމްޒީ އޭޓީއެމް ކާޑެއް ރަށު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ. މިކާޑާއި ރަށު ކައުންސިލުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެރަށު ކައުންސިލްގެ ރައީސްއެވެ. އަނގޮޅިތީމުގައި ބަހައްޓާފައިވާ އޭޓީއެމަކީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.
މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން މިބުރުގައި 9 ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ. މިއާއެކު އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓިގެންދާނެއެވެ. އަދި ރ. އަލިފުށީގައި ބީއެމްއެލް ބްރާންޗެއްގެ ޢަމަލީ މަސައްކަތްވެސް ކުރިއަށް އޮތްތަނުގައި ފެށިގެންދާނެ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް 15 އަތޮޅެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ. މި މަޝްރޫޢުގެދަށުން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރަމުންދާނެއެވެ.