ޚަބަރު
ރާއްޖޭގެ ފަންނުވެރިން ދެނެގަނެ ތަރައްޤީކުރުމަށް ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސްއިން ފަންނުވެރިންގެ ދަފްތަރެއް އެކުލަވާލަނީ

ރާއްޖޭގެ ބޭންޑެއްކަމަށްވާ އިކުއެޓިކް ވައިބް ފޮޓޯ: ލޯކަލް އެމްވީ
ރާއްޖޭގައި ޕާފޯމިން އާޓްސް އާއި ވިޝުއަލް އާޓްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އާ އުސޫލެއް ވަނީ ހަދާފައެވެ. މި އުސޫލުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ފަންނުވެރި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ، އެ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ފަންނުވެރިން ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެންސީއޭއިން ބުނެއެވެ.
މި ދަފްތަރު ބޭނުންކުރާނެ ގޮތް ހާމަކުރައްވަމުން އެންސީއޭއިން ވިދާޅުވީ، ފަންނުވެރިންގެ ދާއިރާތައް ދަފްތަރުކޮށް ބެލެހެއްޓުމުގެ އިތުރުން އެ މީހުންގެ ދާއިރާތަކާ ގުޅޭ ދިރާސާތައް ހެދުމާއި ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް މި ދަފްތަރު އެހީތެރިވެދޭނެ ކަމަށެވެ.
ފަންނުވެރިންގެ ގިންތިކުރެވޭ މައިގަނޑު ދާއިރާތަކެއް ވެސް އެ އުސޫލުގައި ބަޔާންކުރެއެވެ. އެގޮތުން، ޕާފޯމިން އާޓްސްގެ ތެރޭގައި މިއުޒިކާއި ނެށުމާއި ތިއޭޓާ އާއި ކުޅިވަރާއި ބޮޑުބެރާއި ބަނޑިޔާ ޖެހުން ފަދަ ސަގާފީ ކުޅިވަރުތައް ހިމެނެއެވެ. އަދި ވިޝުއަލް އާޓްސްގައި ހިމެނެނީ ޕެއިންޓިން އާއި ކުރެހުމާއި ކެލިގްރަފީ އާއި ރިހިނެގުން (ސްކަލްޕްޗާ) އާއި ފޮޓޯގްރަފީ އާއި ޑިޖިޓަލް އާޓް ފަދަ ކަންކަމެވެ.
މި އުސޫލުގެ ދަށުން ދަފްތަރުކުރުމަށް ހުށަހެޅޭނެ ޝަރުތުތަކެއް ވެސް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި އުމުރުން 18 އަހަރުވެފައިވާ ފަރާތްތަކާއި، 18 އަހަރުނުވާ ނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހެޅުމަކީ މަޖުބޫރު ކަމެކެވެ. އެންސީއޭގެ ވެބްސައިޓު މެދުވެރިކޮށް އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް، ދަފްތަރު ކުރެވިފައިވާކަން އަންގައިދޭ ލިޔުމެއް ދޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އެންސީއޭއިން އިތުރަށް ހާމަކުރެއްވީ، މި ދަފްތަރު އަހަރަކު އެއް ފަހަރު އަޕްޑޭޓްކުރާނެ ކަމަށާއި، އަޕްޑޭޓްނުކުރާ ނަމަ ދަފްތަރުން އިންއެކްޓިވް ކުރާނެ ކަމަށެވެ. އަދި ދަފްތަރުގައި ހިމެނޭ މީހުންގެ މައުލޫމާތު ސިއްރުކުރަން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަންނުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، ފަންނުވެރިންނަށް އެކަށީގެންވާ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އުންމީދުކުރެވެއެވެ.