ވިޔަފާރި / ޚަބަރު
"އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕޭނުން ރާއްޖެ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރުމުގެ ދައުރު ބޮޑު : ވަޒީރު ޒަމީރު

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ފޮޓޯ : ބީއެމްއެލް
ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް "އެކްސްޕީރިއަންސް މޯލްޑިވްސް" ނަމުގައި ފަށާފައިވާ ޑެސްޓިނޭޝަން ކެމްޕޭނުގެ ސަބަބުން މިކަމަށް އިތުރު މަގުފަހިވެގެންދާނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން އިއްޔެ ފެށި މި ކެމްޕޭނަކީ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގައި ކުރިއަށްގެންދެވޭ މިފަދަ ކެމްޕޭނުތަކުގެ ސަބަބުން ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އިތުރު ފަަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް އިތުރު މަގުތަކެއް ކޮށައިދޭނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި މި ކެމްޕޭނުގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ލިބިގެންދާނެ ޚާއްސަ އޮފަރތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކާޑު ހޯލްޑަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ބުކްކުރުމަށް ފަސޭހަތަކެއް ލިބި، ޚާއްސަ އޮފަރތަކާއެކު ރާއްޖޭގެ ރީތި މަންޒިލްތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލީ ކަންކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ބީއެމްއެލުން އިސްނަގައިގެން ކުރިއަށްގެންދާ މި ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. "މިއީ ވިސްނުންތެރި ޑިމާންޑް އުފެއްދުމެއް. މި ކެމްޕޭނުން ގެސްޓުން ދިގު މުއްދަތަކަށް ދިވެހިރާއްޖޭގައި ހޭދަކުރުމަށް ހިތްވަރުދޭނެ. އަދި މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް އައު ކަސްޓަމަރުންނާ ބައްދަލުކުރުމުގެ ސާފު މަގުތަކެއް ވެސް ހުޅުވިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށް ގެންދާނީ ރާއްޖޭގެ ފަރުތައް ރައްކާތެރިކޮށް، ކުނި މަދުކޮށް، ގިނަ މުޖުތަމަޢުތަކެއް ބައިވެރިކުރުވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަދި ފަތުރުވެރިން އަންނަ މާކެޓްތައް އިތުރުކުރުމަށް މަގުފަހިކުރާ ސިޔާސަތުތަކަށް އެހީތެރިވުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް އާ ދެމެދު ވެވުނު މި ޕާޓްނަރޝިޕަކީ ސަރުކާރުގެ ފަތުރުވެރިކަމާ ގުޅޭ ތަޞައްވުރު ހާސިލްވުމަށް މަގުފަހުވެގެންދާނެ އެއްބަސްވުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން މީގެ ކުރިންވެސް "އެކްސްޕީރިއަންސް މޯލްޑިވްސް"ގެ ނަމުގައި ޚާއްސަ ކެމްޕޭނުތަކެއް ވަނީ ބާއްވާފައެވެ. މީގެ ކުރިން ހިންގި ކެމްޕޭނުތަކުގައި އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޕްރިމިއަމް ޚިދުމަތްތަކާއި އެކްސްކްލޫސިވް ރޭޓްތައް އަދި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮމްޕްލިމެންޓަރީ ޚިދުމަތްތައްވެސް ފޯރުކޮށްދީފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.