Ads by Stelco

ޚަބަރު

މީޑިއާ ކޮމިޝަން އިންތިޚާބުގައި ވޯޓުލެވޭ 353 މީޑިއާ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މީޑިއާ ކޮމިޝަން އިންތިޚާބުގައި ވޯޓުލެވޭ 353 މީޑިއާ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މީޑިއާ ކައުންސިލުގެ ކުރީގެ އިންތިޚާބެއްގެ މަސައްކަތުގެ ތެރެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ސެޕްޓެމްބަރު 2025، 02:15

28 ސެޕްޓެމްބަރު 2025، 02:15

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް (އެމް.އެމް.ބީ.ސީ) މެންބަރުން އައްޔަންކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބޭ މީޑިއާތަކުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން (އީ.ސީ) އާންމުކޮށްފިއެވެ. އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި 353 މީޑިއާއަކަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާކަމަށް އީ.ސީން ބުނެއެވެ.

އީ.ސީން އާންމުކޮށްފައިވާ ލިސްޓުގައިވާގޮތުން ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީޑިއާތަކުގެ ތެރޭގައި ހިމެނެނީ 18 ބްރޯޑްކާސްޓަރުންނާއި، އެހެނިހެން މީޑިއާގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 335 މީޑިއާއެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ ކޮންމެ މީޑިއާއަކުންވެސް ކަނޑައަޅާ އެއް މަންދޫބަކަށެވެ. ވޯޓުލުން ކުރިއަށްދާނީ ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތައް ވަކިންނެވެ.

މި އިންތިޚާބު ބާއްވަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އީ.ސީން މިހާރު ވަނީ މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 2:00 އެވެ. މީޑިއާ ކޮމިޝަނަށް އިންތިޚާބު ކުރާ 4 މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުންގެ ތެރެއިން އިންތިޚާބު ކުރާ ދެ މެންބަރުންނެވެ. އަދި ބާކީ ދެ މެންބަރުން އިންތިޚާބު ކުރާނީ އެހެނިހެން މީޑިއާތަކުގެ ތެރެއިންނެވެ.

ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީޑިއާތަކުގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން، ހޯމަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިކަމާ ބެހޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާހު ސަޢީދު ވިދާޅުވީ، ޝަކުވާ ހުށަހެޅުމަށް ކުރު މުއްދަތެއް ދޭން ޖެހުނީ ޤާނޫނު ތަސްދީގުކުރެއްވުމާއެކު 30 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޤާނޫނު ތަސްދީގުކުރެއްވީ ސެޕްޓެމްބަރު 18 ވަނަ ދުވަހު ކަމަށްވުމާއެކު، އޮކްޓޯބަރު 17 ވަނަ ދުވަހުގެ ނިޔަލަށް އިންތިޚާބުގެ ކަންކަން ނިންމަންޖެހޭނެކަމަށް ވިޝާހު ފާހަގަކުރެއްވިއެވެ.

ވިޝާހު އިތުރަށް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާވަލާއެއްގޮތަށް ދެވެން އޮތް އެންމެ ދިގު މުއްދަތެއް ދެއްވަމުންދާ ކަމަށާއި، މީޑިއާ ކޮމިޝަނަށް ކުރިމަތިލައްވާ ފަރާތްތަކުން ވީހާވެސް އަވަހަށް ރެކޯޑު ސާފުކޮށް، ދައުލަތުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، ފޯމު ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މުއްދަތު ކުޑަވުމުގެ ސަބަބުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވިޝާހު މީޑިއާތަކަށް އިލްތިމާސްކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން