ޚަބަރު
ނިމިދިޔަ ސަރުކާރުގައި ފެނަކައިން ހިންގައިފައިވާ 2.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަފްސީލްތައް އޮޑިޓް އޮފީހުން ހާމަކޮށްފި

ކުރީގެ ރައީސް ޞާލިޙް އަދި ފެނަކަ އެމްޑީ ސަޢީދު
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދައުރުގައި ފެނަކަ ކޯޕަރޭޝަނުން 2.2 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތެއް ހިންގާފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން ނެރުނު 2021 އިން 2023 އަށް ހެދި ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް 674 އެއްބަސްވުން ވެފައިވާއިރު، މީގެ ގިނަ މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ އާންމުކޮށް އިޢުލާނުކޮށްގެން ބިޑް ކުރުމަކާ ނުލައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު ޚިޔާނާތްތަކުގެ ތެރޭގައި ކަރަންޓު ކޭބަލް ގަތުމުގެ ނަމުގައި 790 މިލިއަން ރުފިޔާގެ ވައްކަމާއި، ޖެނެރޭޓަރު ސެޓް ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން ހިމެނެއެވެ. މީގެއިތުރުން ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާއާއި، ފެނާއި ނަރުދަމާ މަޝްރޫޢުތަކުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން ހިންގާފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓް ރިޕޯޓުން އިތުރަށް ހާމަވާ ގޮތުގައި، މުދާ އުފުލުމުގެ މަސައްކަތްތަކަށް ވެސް މާކެޓް އަގަށްވުރެ މަތީ އަގުގައި މަސައްކަތް ހަވާލުކޮށް، 47.5 މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވެފައިވެއެވެ. އަދި ކޭޓަރިންގ ޚިދުމަތުގައި ވެސް މުވައްޒަފުންގެ އަދަދަށްވުރެ އިތުރަށް ބިލުކޮށް، 14.2 މިލިއަން ރުފިޔާގެ އިތުރު ޚަރަދު ހިންގާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
މި ޚިޔާނާތަކީ 1990 ގައި ހާމަވި އެފްޕީއައިޑީގެ މައްސަލައާއި 2015 ގައި ހާމަވި އެމްއެމްޕީއާރުސީގެ ޚިޔާނާތަށްވުރެ ބޮޑު ޢަދަދެއްކަން ވެސް ފާހަގަކުރެވެއެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަޙުޤީޤުތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.