ޚަބަރު
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހުންނާއި އެމީހުންގެ ފައިދާ ނަގާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ: ސީޕީ

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން

ފަރުދުން
25 ސެޕްޓެމްބަރު 2025، 12:28
25 ސެޕްޓެމްބަރު 2025، 12:28
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންނާއި އެމީހުންގެ ފައިސާ ނަގައި އިންސާނީ ވަގުފާރީގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް ޞައްޚަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ފުލުހުން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.
ކޮމިޝަނަރ އޮފް ޕޮލިސް، ނަވީން ވިދާޅުވީ ގާނޫނާއި ޤަވާއިދުތަކާ ޚިލާފަށް ހިޖުރަކުރުމާއި އެކަމުން ފައިދާ ހޯދާ ފަރާތްތަކަށް އެއްވެސް ޖާގައެއް ނުދެއްވާނެކަމަށާއި ޤަވާއިދުތަކާ އެއްގޮތަށް ބިދޭސީ މަސައްކަތްތެރިން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރި ނަމަވެސް، ޤައުމަށް ޤަވާއިދާ ޚިލާފަށް ވަދެ ނުވަތަ މަސައްކަތްކުރާ ކޮންމެ މީހަކާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށެވެ.
@Policemv will not tolerate illegal migration or those who profit from it. While we value the lawful contribution of migrant workers, we will take decisive action against anyone who enters or works in our country unlawfully. https://t.co/UXwXUFvJs4
— Commissioner of Police, Maldives (@PoliceMvCP) September 24, 2025
ހަމައެއާއެކު، އިންސާނީ ވަގުފާރިއަކީ ނާޒުކު ހާލަތުގައި ތިބޭ މީހުން އަނިޔާވެރި ގޮތުގައި ބޭނުންކޮށް މުޖުތަމައުއަށް އޭގެ ސަބަބުން ނޭދެވޭ އަސަރުކުރުވާ ނުރައްކާތެރި ކުށެއްކަން ފާހަގަކުރައްވައި، މިފަދަ ކުށްތަކަކީ ގައުމުގެ ސަލާމަތަށް ނުރައްކާކޮށް، އިޖުތިމާއީ ގޮތުން ނޭދެވޭ އަސަރުތައް ފޯރުވާ ކުށްތަކެއްކަމަށް ވިދާޅުވިއެވެ. އަދި އިންސާނީ ވަގުފާރިކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ކޮންމެ ފަރުދެއްގެވެސް ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ގައުމީ އަދި ބައިނަލްއަގްވާމީ ބައިވެރިންނާއެކު މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.