Ads by Stelco

ޚަބަރު

ކަނޑޫދޫ މިރުސް އެސްޓީއޯއިން ގަނެ، ރަށު ރައްޔިތުންނަށް އެކަމުން ފައިދާ ހޯދޭނެގޮތް ހަދައިދޭނަން: ރައީސް

ކަނޑޫދޫ މިރުސް އެސްޓީއޯއިން ގަނެ، ރަށު ރައްޔިތުންނަށް އެކަމުން ފައިދާ ހޯދޭނެގޮތް ހަދައިދޭނަން: ރައީސް

ރައީސް ކަނޑޫދުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ސެޕްޓެމްބަރު 2025، 02:04

24 ސެޕްޓެމްބަރު 2025، 02:04

ތ. ކަނޑޫދޫ މިރުސް އެސްޓީއޯއިން ގަނެ، ރަށު ރައްޔިތުންނަށް އެކަމުން ފައިދާ ހޯދޭނެގޮތް ހައްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ކަނޑޫދޫގެ ރައްޔިތުން އާމްދަނީއަށް ކުރަމުންދާ މައިގަނޑު މަސައްކަތްކަމަށްވާ ދަނޑުވެރިކަން ކުރިއެރުވުމަށް ކަމާއި ގުޅުންހުރި ވުޒާރާތަކާއި އެސްޓީއޯގެ އެހީއާއެކު މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. ހަމަ އެހެންމެ، ކަނޑޫދޫގެ އެންމެ ޚާއްޞަ އެއް އުފެއްދުން ކަމަށްވާ 'ކަނޑޫދޫ މިރުސް' ގެ ބާވަތް އެސްޓީއޯ މެދުވެރިކޮށް ރާއްޖެ  އެތެރެކުރި ނަމަވެސް ރަށުގެ ދަނޑުވެރިންނަށް އެކަމުން އެއްވެސް ގެއްލުމެއް ނުވާގޮތަށް އެކަން ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިރުހުގެ ބާވަތް އެސްޓީއޯ މެދުވެރިކޮށް އެތެރެކުރަން ނިންމި ނަމަވެސް، ރަށުގެ ދަނޑުވެރިންނަށް އޭގެ އެއްވެސް ގެއްލުން ނުވާނެގޮތަށް ގެންދާނީ. އެސްޓީއޯއަށް ގަނެވޭނެ ގޮތްވެސް ހަދާނަން. އެއްގޮތަކަށް ވެސް ދަނޑުވެރިން މި ނިންމުމާމެދު ކަންބޮޑުވާން ނުޖެހޭނެކަމުގެ ޔަގީންކަން ދެން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކަނޑޫދޫގެ ތަރައްޤީއަށް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ އެހެނިހެން މަޝްރޫޢުތަކަށް އަލިއަޅުއްވާލާ ރައީސް ވިދާޅުވީ، އެ ރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސް، އެ ކަންބޮޑުވުމަށް އަވަސް ޙައްލެއް ގެންނަވާނެ ކަމަށެވެ. އެގޮތުން، އެ މަސައްކަތް ކުރިއަށްގެންދާ ކޮންޓްރެކްޓަރު ޢަމަލުކޮށްފައިވާ ގޮތް ބަލާ، ކޮންޓްރެކްޓް ބާތިލުކޮށް، އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ހަމަ މިއާއެކު، އެރަށުގެ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ވެސް ލަސްވާ ސަބަބުތައް ދެނެގަނެ، މަސައްކަތް ވީހާވެސް އަވަހަށް ނިންމޭގޮތަށް ކަންކަން ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.  އެގޮތުން، އެ މަސައްކަތުގެ ކުރިން އޮތް ކޮންޓްރެކްޓް މިހާރު ބާޠިލުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި އެމްޓީސީސީ އާއި ހަވާލުކޮށްގެން އެ މަސައްކަތް އެއްކޮށް ނިންމައިދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކްލާސްރޫމާ، ލެބޯޓްރީގެ އިތުރުން ސްކޫލަށް ބޭނުންވާ ޖާގައާ ވަޞީލަތް އިތުރުކުރުމުގެ މަސައްކަތް ވެސް 4 މަސްތެރޭގައި ފަށާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ކަނޑޫދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވަނީ، ކަނޑޫދޫ ބަނދަރުގައި ވަކި ޖެޓީއެއް ޤާއިމުކުރުމާއި، ކަނޑޫދޫ ބިން ހިއްކުމުގެ މަޝްރޫއާއި، މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން