ޚަބަރު
ތ. ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ރައީސް އޮފީސް
ތ. ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ. ވިލުފުށީގައި އިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.
އެ ރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ވިލުފުށީ ދާއިރާގެ މަޖިލިސް މެންބަރާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަޙްމަދު ސަޢުދީއާއި، ދައުލަތުގެ ވަޒީރުންނާއި، ވިލުފުށީ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި މަޝްރޫއަކީ ވިލުފުށިން މިހާރު ރައްޔިތުންނަށް ލިބެމުން އަންނަ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ސަރުކާރުން ހިންގަން ނިންމި މަޝްރޫއެކެވެ. މި އައު އިމާރާތް ޤާއިމުކުރުމުން ވިލުފުށީގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ. އެގޮތުން، މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 18 މަސްދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ދޫކޮށްލާފައިވާ އެއް ނިޒާމަކީ ޞިއްޙީ ނިޒާމު ކަމަށް ގިނަ ބަޔަކު ފާހަގަކުރާއިރު، އެ ނިޒާމު ރަނގަޅު ކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން އިތުރަށް ތަރައްޤީ ކުރުމާއި، އާ ޚިދުމަތްތައް ފެށުމާއި، އެކިއެކި ބޮޑެތި ފަރުވާގެ ބަލިތަކަށްވެސް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ހިމެނެއެވެ. ވިލުފުށީ ހޮސްޕިޓަލުގެ މި މަޝްރޫޢަކީ ވެސް، ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، އެތަންތަން އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މުހިއްމު ބައެކެވެ.