ޚަބަރު
މާދަމާ އަޅުގަނޑުމެންގެ ދަރީންނަށް ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ މާތްވެގެންވާ އިސްލާމް ދީން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު |ފޮޓޯ: ރައީސް އޮފީސް
މާދަމާ އަޅުގަނޑުމެންގެ ދަރީންނަށް ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ މާތްވެގެންވާ އިސްލާމް ދީންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، މީގެ 899 އަހަރު ކުރީން އިސްލާމްދީ ން ޤަބޫލުކުރުމުގައި ދިވެހީން ދައްކުވައިދިނީ، ކިޔަމަންތެރިކަމާއި ޞުލްޙަވެރިކަމާއި ބަދަހިކަމާއެކު އެންމެން އެކީ ހެޔޮގޮތް ޚިޔާރުކުރުމުގެ ރީތި ނަމޫނާ ކަމަށެވެ. އަދި އެދުވަހުއްސުރެ މިއަދާ ހަމަޔަށް ވެސް، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަން މި ޤައުމުގައި ދެމިއޮތީ، ދިވެހީންނަކީ ޙައްޤުގެ މަގުގައި ތިބި އެއްބައިވަންތަ ބަޔަކަށް ވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، މާދަމާ އަޅުގަނޑުމެންގެ ދަރީންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ ވެސް، މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހީންގެ އަމިއްލަވަންތަ ރީތި ސިފަތައް ކަމަށެވެ. އެހެންކަމުން، މި އަގުހުރި ތަރިކަ ރައްކައުތެރިކޮށް ދެމެހެއްޓުމުގެ މަތިވެރި ނަޞީބު ހުރިހާ ޒަމާނެއްގައިމެ ދިވެހީންނަށް ދެއްވުން އެދި އެމަނިކުފާނު ވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.
އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ދިވެހި ޤައުމަށް ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުއެވެ.