ޚަބަރު
ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާމެދު އިސްރާއިލް ޖަވާބުދާރީ ކުރުވަންޖެހޭ

ނިއުޔޯކްގައި ބޭއްވުނު މަތީ ފަންތީގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ވަޒީރު ޚާލީލް ބައިވެރިވެވަޑައިގަންނަވަނީ
ފަލަސްޠީނުގެ މުސްލިމުންނާމެދު ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވައި، އެކަމަށް ޔަހޫދީންގެ ވެރިން ޖަވާބުދާރީކުރުވަންޖެހޭކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން ނިއުޔޯކްގައި ބޭއްވުނު މަތީ ފަންތީގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާނީ ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައިކަމަށެވެ.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި އދ.ގައި ކުރިއަށްދިޔަ ކޮންފަރެންސްގައި ޤައުމުތަކުން ވަނީ ސާފު މެސެޖެއް ދީފައެވެ. އެއީ ފަލަސްޠީނު ރައްޔިތުންނަށް އިންސާފާއި އަމާންކަން ޤާއިމްކޮށްދީ، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ މެދު ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާއި ޖަރީމާތަކާއި ލާއިންސާނީ ޢަމަލުތަކަށް ޔަހޫދީންނާއި އެ މީހުންގެ ވެރިން ޖަވާބުދާރީކުރުވަންޖެހޭކަން ބައިނަލްއަޤްވާމީ މުޖްތަމަޢުއިން ޤަބޫލުކުރާކަން މި ކޮންފަރެންސުން ހާމަވެގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަޢުދީ ޢަރަބިއްޔާއާއި ފަރަންސޭސިވިލާތުގެ ކޯ-ޗެއަރޝިޕްގެ ދަށުން ހޯމަ ދުވަހު ބޭއްވުނު މި ކޮންފަރެންސްގައި ގިނަ ޤައުމުތަކަކުން ބައިވެރިވެފައިވެއެވެ.
2023 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. މި ޙަމަލާތަކުގައި މިހާތަނަށް 65،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށްވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ.