Ads by Ministry of Arts, Culture and Heritage

ޚަބަރު

ނ. އަތޮޅުގެ ދެ ރަށެއްގައި އައު ފުލުހުންގެ މަރުކަޒު ހުޅުވައިފި

ނ. އަތޮޅުގެ ދެ ރަށެއްގައި އައު ފުލުހުންގެ މަރުކަޒު ހުޅުވައިފި

މާފާރު ފުލުހުންގެ މަރުކަޒު ފުޅުވަީ / ފޮޓޯ: ދިފާއީ ވުޒާރާ

farudhun logo

ފަރުދުން

16 ނޮވެމްބަރު 2026، 09:08

16 ނޮވެމްބަރު 2026، 09:08

ނ. އަތޮޅުގެ ފޮއްދޫ އަދި މާފަރުގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒުތައް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

މި ދެ ރަށުގައި ވަކިވަކިން ބޭއްވި ޚާއްޞަ ރަސްމިއްޔާތުތަކުގައި މި މަރުކަޒުތައް ރަސްމީކޮށް ހުޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން، މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ފޮއްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ ހަމަ އެ މަހުގެ 23 ވަނަ ދުވަހުއެވެ.

މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވަނީ، ރައްޔިތުންނާ ގުޅިގެން ވީހާވެސް ގާތުން އަދި އެންމެ އެދެވޭ ގޮތުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ. މީގެއިތުރުން، މުޖުތަމަޢުގެ ތެރޭގައި އޮންނަންޖެހޭ އަމަންއަމާންކަމާއި ހަމަޖެހުން އެންމެ ފުރިހަމައަށް ޤާއިމުކުރެވޭނީ ރައްޔިތުންވެސް ފުލުހުންނާ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، ފުލުހުންނަށް ބޭނުންވާ މަޢުލޫމާތުތައް ގަވާއިދުން ފޯރުކޮށްދިނުމަށާއި، ފުލުހުންނަށް އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އިތުރުން، ޚިދުމަތަށް ބޭނުންވާ ޙާލަތްތަކުގައި ވީހާވެސް އަވަހަކަށް ފުލުހުންގެ އެހީތެރިކަން ހޯދުމަށް ރައްޔިތުންގެ ކިބައިން ވަޒީރު އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޢިމާރާތްތަކާއި މުވައްޒަފުންގެ އަދަދަށް އަންނަ ކުރިއެރުމާއި، ލިބޭ ވަސީލަތްތަކާ އެއްވަރަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުވެސް މިއަދަށްވުރެ ރަނގަޅު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ޚިދުމަތުގައި ތިބި ފުލުހުން އައު ވިސްނުންތައް ހޯދައި ދެނެގަނެގެން، މުއައްސަސާގެ ފެންވަރުގައި ރައްޔިތުން އެންމެ ގަޔާވާނެ އަދި ޝައުޤުވެރިވާނެ ފަދަ ހުރިހާ ގޮތްތަކެއް ބަލައިގެން ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

މި ދެ ރަށުގައި ފުލުހުންގެ މަރުކަޒުތައް ހުޅުވިގެން ދިޔުމަކީ އެ ސަރަޙައްދުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި، ކުށް މަދުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450