ޚަބަރު
ޞިއްޙީ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ޒަމާނީ ޓޫލްތަކެއް އިފްތިތާޙުކޮށްފި
ޞިއްޙީ ޚިދުމަތްތައް ފުރިހަމަކުރުމާ ގުޅޭ ޓޫލްތައް ތައާރަފްކުރުން / ފޮޓޯ: ސިއްޙީ ވުޒާރާ
ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންގޮސް، ޚިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ޚާއްޞަ ޓޫލްތަކެއް މިއަދު އިފްތިތާޙުކޮށްފިއެވެ.
މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ތަޢާރަފުކޮށްފައިވަނީ "ހެލްތު ޕްރޮފެޝަނަލް މެނޭޖްމަންޓް ސިސްޓަމް" (HPMS) ގެ އިތުރުން، މޯލްޑިވްސް ނާރސިންގް އެންޑް މިޑްވައިފްރީ ކައުންސިލާއި، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ރަސްމީ ވެބްސައިޓެވެ. މި ޕޯޓަލް އަދި ވެބްސައިޓްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ޤީލާ ޢަލީ އެވެ.
ހެލްތު ޕްރޮފެޝަނަލް މެނޭޖްމަންޓް ސިސްޓަމް (އެޗްޕީއެމްއެސް) އަކީ ޞިއްޙީ ޚިދުމަތުގެ ފަންނުވެރިންނަށް ކައުންސިލްތަކުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތައް ފަސޭހަކަމާއެކު އަދި އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ފަރުމާކޮށްފައިވާ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕޯޓަލް މެދުވެރިކޮށް ޞިއްޙީ ދާއިރާގެ ފަންނުވެރިން ރަޖިސްޓްރީ ކުރުމާއި، މަސައްކަތުގެ ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކުރުމުގެ އެންމެހައި މަރުޙަލާތައް ކުރިއަށް ގެންދެވޭނެއެވެ. މީގެއިތުރުން، އެކި ކޯސްތަކަށް ބޭނުންވާ އެޕްރޫވަލްތައް ދިނުމާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދޫކުރާ ޕްރީ-އެޕްރޫވަލް ހޯދުމުގެ ޚިދުމަތްވެސް މިހާރު މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ.
މި ނިޒާމާއެކު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، މިއަދުން ފެށިގެން ދޫކުރާ ހުރިހާ ލައިސަންސްތަކެއް ޑިޖިޓަލް ލައިސަންސް ކާޑުތަކަކަށް ބަދަލުވެގެން ދިއުމެވެ. މިގޮތުން، ދޫކުރެވޭ ޑިޖިޓަލް ލައިސަންސް ކާޑު "އީފާސް" މެދުވެރިކޮށް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ. އަދި އޭގައި ހިމެނޭ ކިއު.އާރް ކޯޑު ސްކޭން ކޮށްލުމުން، އެ ޞިއްޙީ ޚިދުމަތްތެރިޔާއާ ގުޅޭ އިތުރު މަޢުލޫމާތުތައް ކަށަވަރުކޮށް ފެންނަން ހުންނާނެއެވެ. މީގެއިތުރުން، ލައިސަންސްގެ މުއްދަތު ހަމަވުމުގެ އެއް މަސްދުވަސް ކުރިން، އެ ފަރާތްތަކަށް އީމެއިލް އަދި އެސް.އެމް.އެސް މެދުވެރިކޮށް ރިމައިންޑަރ މެސެޖު ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މިއަދު ތަޢާރަފުކުރި މޯލްޑިވްސް ނާރސިންގް އެންޑް މިޑްވައިފްރީ ކައުންސިލާއި، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ އައު ވެބްސައިޓްތަކުގެ ސަބަބުން، އެ ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތަކާއި، ރަޖިސްޓްރޭޝަނާއި ލައިސަންސާ ގުޅޭ އަދާހަމަ މަޢުލޫމާތު އާންމުކޮށް ލިބެން ހުންނާނެއެވެ. އަދި ކައުންސިލްތަކުން ބާއްވާ އިމްތިޙާނުތަކުގެ އެންމެ ފަހުގެ ތަފްޞީލުތަކާއި، ކްލިނިކަލް ގައިޑްލައިންތަކުގެ އިތުރުން، މި ދާއިރާއިން ކުރިއަށްދާން ހުރި ފުރުޞަތުތަކާއި ޕާތްވޭތަކުގެ މަޢުލޫމާތުވެސް ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ. ހަމައެއާއެކު، ޚިދުމަތްތެރިންގެ ލައިސަންސްގެ މުއްދަތާއި ރަޖިސްޓްރޭޝަނާ ގުޅޭ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތުތައްވެސް މި ވެބްސައިޓްތަކުން ފެންނަން ހުންނާނެއެވެ.
މި ޒަމާނީ ވަސީލަތްތަކަކީ ޞިއްޙީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާކޮށް، ފަންނުވެރިންނަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކަމާއި އަވަސް ޚިދުމަތެއް ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމުކުރެވުނު މުހިންމު ވަސީލަތްތަކެކެވެ.