ޚަބަރު
ޝައިޚް ޢަބްދުލްޢަޒީޒް ނިޔާވުމާ ގުޅިގެން ރައީސް ޑރ މުޢިއްޒު ތަޢުޒިޔާ ފޮނުއްވަވައިފި

ޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ އާލު ޝައިޚު
ސަޢުދީ ޢަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަދި ސަޢުދީ ޢަރަބިއްޔާގެ އެންމެ އިސް މުފްތީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލު ޝައިޚު މިއަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވަވައިފިއެވެ.
ރައީސް މުޢިއްޒު އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަޢުދީ ޢަރަބިއްޔާގެ އެންމެ މަތީ މުފްތީ އަދި ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް ޝައިޚް ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލު ޝައިޚުގެ ނިޔާގެ ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ހިތުގެ ފުންމިނުން ތަޢުޒިޔާ ވިދާޅުވާކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ، މަރުޙޫމްގެ ފުރާނަފުޅަށް މާތްﷲގެ ތަނަވަސް ރަޙުމަތް ލެއްވުމަށާއި، ސުވަރުގޭގައި ލެއްވެވުން އެދި ދުޢާ ދަންނަވާކަމަށެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ދެ ޙަރަމުގެ ޚާދިމު، ސަޢުދީ ޢަރަބިއްޔާގެ ސަލްމާން ބިން ޢަބްދުލްޢަޒީޒް އާއި، ވަލީ އަހުދު އަމީރު މުޙައްމަދު ބިން ސަލްމާން އަށާއި، މަރުޙޫމްގެ އާއިލާއަށާއި، ސައޫދީ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
ޝައިޚް ޢަބްދުލްޢަޒީޒަކީ އިސްލާމީ އުންމަތަށް ނުހަނު ޚިދުމަތްތެރި ޢިލްމުވެރިއެކެވެ. އެތައް އަހަރެއް ވަންދެން ޢަރަފާތުގެ މާތް ބިމުގައި ޙައްޖުގެ ޚުޠުބާ ދެއްވާފައިވާ އިސްލާމީ ޢިލްމުވެރިއެކެވެ. އެމަނިކުފާނުގެ މައްޗަށް ރާއްޖޭގައި ވެސް މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ޣާއިބު ނަމާދު ކުރެވޭނެ ކަމަށް ވަނީ އިޢުލާން ކުރެވިފައެވެ.