ޚަބަރު
އދ. ގެ މައި މަރުކަޒަށް ވަންނަން ފާސް ހޯދުމަށް ރައީސް ނަޝީދު ރަސްމީކޮށް އެދިފައެއް ނުވޭ: ޚާރިޖީ ވުޒާރާ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު/ފޮޓޯ: އޭއޯ ނިއުސް
އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްޢިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރަސްމީކޮށް އެދިފައި ނުވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވުޒާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ، މުޙައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމުގެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ކުށްވެރިކުރައްވާފައެވެ.
އެ ވުޒާރާއިން ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްޢިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ރައީސް މުޙައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން ޚާރިޖީ ވުޒާރާއަށް ރަސްމީކޮށް އެދިވަޑައިގެންފައި ނުވާކަމަށެވެ. ހަމަ އެހެންމެ، އެމަނިކުފާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅަކަށްވުމުން ،ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ ޢިއްޒަތް އެމަނިކުފާނަށް ވެސް ގެންދަނީ އަރުއްވަމުންކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން، ބޭރުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް އެ ވުޒާރާއާއި އެ ޤައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން މިހާތަނަށް ވެސް ހަމަޖައްސަވާ ދެއްވާފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ކުރިއަށް އޮތްތާނގައި ވެސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ހަމަޖައްސަމުން ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރައީސް މުޙައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯއްދަވާ ދެއްވާފައި ނުވާކަމަށް ބުނެ، އިދިކޮޅު އެޕްޑީޕީގެ މެންބަރުން މީސްމީޑިއާގައި ނުރުހުން ފާޅުކުރަމުންދާއިރު، މިކަމަށް ތާޢީދުކުރައްވާ ރައީސް ނަޝީދުގެ އޮފިހުން ބަޔާނެއް ނެރިފައިވެއެވެ.