ޚަބަރު
ކޮޅުފުށީގައި އިތުރު 100 ހައުސިން ޔުނިޓް އަންނަ އަހަރު ތަރައްޤީކޮށްދޭނަން: ރައީސް

ރައީސް ކޮޅުފުށީ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
މުލަކުއަތޮޅު ކޮޅުފުށީގައި އިތުރު 100 ހައުސިން ޔުނިޓް އަންނަ އަހަރު ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު ކޮޅުފުށީ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވީ، ކޮޅުފުށީގައި މިހާރު ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްގެން މިއަހަރުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، ވީހާވެސް އަވަހަށް އެތަންތަނަށް މީހުންނަށް ވަދެވޭނެ ގޮތް ހަމަޖައްސަވާ ދެއްވާނެ ކަމަށެވެ. ހަމަ އެހެންމެ، އެ ރަށުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަގު 5،000 ރުފިޔާއިން 3،333 ރުފިޔާއަށް ކުޑަކޮށްދެއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިރަށަށް ގެދޮރުވެރިކަމުގެ އިތުރު މަސައްކަތްތައް ބެނުންވޭ. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 100 ހައުސިން ޔުނިޓް މިރަށުގައި ފަށާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން. އަމިއްލަ ގޯތީގަ މި މަޝްރޫއުގެ ދަށުން އަޅަން ބޭނުންވާ މީހުންނަށްވެސް އެ ފުރުޞަތު ދޭނަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިރަށުގައި ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ އިތުރު މަޝްރޫޢުތަކަށް އަލިއަޅުއްވާލާ ރައީސް ވިދާޅުވީ، ރަށުގެ މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފެށި މަޝްރޫޢުއަކީ ރަށުގެ ޢުމްރާނީ ތަރައްޤީއާއި ރަށުގެ އިޤްތިޞާދާ ވެސް ގުޅިފައިވާ މަސައްކަތެއް ކަމަށެވެ. ހަމަ މިއާއެކު، ރަށުގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް އިތުރު ޖަނަރޭޓަރު ސެޓެއް ގެނެސްދެއްވާނެކަމަށާއި، އަދި ސްކޫލްގައި ލައިބްރަރީއާ ހެލްތް ރޫމެއް ހިމެނޭހެން އިތުރު ފެސިލިޓީތައް ޤާއިމުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ، ކޮޅުފުށީގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.