ޚަބަރު
މުލީގެ މަގުހެދުމުގެ މަސައްކަތް ފަށައި ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައިފި

މުލީގެ މަގުހެދުމުގެ މަސައްކަތް ފަށައި ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައިފި
ހުލާސާ
މ. މުލީގައި އަލަށް އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއި މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި ދެ މަޝްރޫޢުގެ މަސައްކަތް ފަށައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހަތަރު އަތޮޅެއްގެ 31 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ވަޑައިގެން ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސް މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށަކަށް ހެދުމެވެ.
މުލީގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
ރައީސުލްޖުމްހޫރިއްޔާ މުލަކަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އާންމު ރައްޔިތުން ހިމެނޭ ގިނަ ބަޔަކު ބަނދަރު ސަރަހައްދުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅަކީ ވ.، ފ.، މ.، އަދި ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެކެވެ.