ޚަބަރު
ޤައުމީ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ 24 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިމިގްރޭޝަނުން ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަންގެ ތެރެއިން

ފަރުދުން
22 ސެޕްޓެމްބަރު 2025، 04:04
22 ސެޕްޓެމްބަރު 2025، 04:04
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިހާރު ފަށާފައިވާ ޤައުމީ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ 24 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޤައުމީ އޮޕަރޭޝަނެއް ފެށީ އިއްޔެއެވެ. މި އޮޕަރޭޝަން ކުރިއަށްގެންދަނީ މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެންނެވެ. ޤައުމީ އޮޕަރޭޝަންގެ މަޢުލޫމާތުދެއްވަމުން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ އޮޕަރޭޝަންގެ ތެރެއިން ޞައްޙަ ވިސާނެތި އުޅޭ ބިދޭސީންނާއި ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ 24 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމާއެކު، ދިވެހި ރައްޔިތުންނަށް ވިޔަފާރިކުރުމަށް ހައްގު ފުރުސަތު ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ… pic.twitter.com/AFSwkkc9Wj
— Maldives Immigration (@ImmigrationMV) September 21, 2025
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަން ބިދޭސީންނަށް އެހީވާ ދިވެހިންވެސް ހޯދައި ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ބިދޭސީންގެ މައުލޫމާތު އަދާހަމަކުރުމަށް މި ސަރުކާރުން އަންނަނީ "ކުރަނގި" ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންދަވަމުންނެވެ. މީގެ އިތުރުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ވެއްދުމާއި ޤަވާއިދަށް ނުފެތޭނަމަ ޑީޕޯޓު ކުރުމުގެ މަސައްކަތްވެސް ނިމިދިޔަ އަހަރުން ފެށިގެން ސަރުކާރުން ދަނީ ކުރަމުންނެވެ. އެ އޮޕަރޭޝަނުން އެކަނި ވެސް ރާއްޖޭގައި 178،982 ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާކަން ރައީސް އިޢުލާނު ކުރެއްވިއެވެ. އަދި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރުމުގެ ތެރެއިން މި ސަރުކާރުން ވަނީ 8،600 އަށް ވުރެ ގިނަ މީހުން ޑީޕޯޓު ކޮށްލާފައެވެ.