ކުޅިވަރު / ޚަބަރު

ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގައި ދުނިޔެއަށް ދިވެހިންގެ އެއްބައިވަންތަކަމާއި މެހެމާންދާރީ ދައްކާލައިފި!

ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގައި ދުނިޔެއަށް ދިވެހިންގެ އެއްބައިވަންތަކަމާއި މެހެމާންދާރީ ދައްކާލައިފި!

ކޮމަންވެލްތް ބޯޗް ހޭންޑްބޯލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ސެޕްޓެމްބަރު 2025، 03:50

22 ސެޕްޓެމްބަރު 2025، 03:50

ކުޅުދުއްފުށީ ސިޓީގައި ފޯރިގަދަކޮށް ކުރިއަށް ގެންދިޔަ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތާއެކު ދުނިޔެއަށް ދިވެހިންގެ އެއްބައިވަންތަކަމާއި، ފުރިހަމަ މެހެމާންދާރީގެ މިސާލެއް ވަނީ ދައްކުވައިދީފައެވެ. ރާއްޖޭގައި ބައިނަލްއަގްވާމީ ބީޗް ހޭންޑްބޯޅަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރު މިވަނީ ކުޅިވަރުގެ އާ ފޯރިއަކާއި، ދިވެހި ސަގާފަތުގެ މުއްސަނދިކަން ބައިނަލްއަގްވާމީ މުޖުތަމައަށް ދައްކުވައިދީފައެވެ.

މި މުބާރާތް އިންތިޒާމްކުރުމުގައި ކުޅިވަރު ވުޒާރާއާއި، ހޭންޑްބޯލް މޯލްޑިވްސް އަދި ކަމާގުޅުންހުރި ހުރިހާ އިދާރާތަކެއް ގުޅިގެން ކުޅުދުއްފުށީ ސިޓީން ވަނީ ނަމޫނާ ދައްކާފައެވެ. ބީޗް ހޭންޑްބޯޅަ ޓީމުތަކަށް އެރަށުން ކީ މަރުހަބާއާއި، ދިން ފުރިހަމަ މެހެމާންދާރީގެ ސަބަބުން، ދިވެހިންގެ އިހުގެ ސާދާ މެހެމާންދާރީގެ އާދަކާދަ އަނެއްކާވެސް ދިރުވާ، ދުނިޔެއަށް ދައްކާލައިފިއެވެ.

މުބާރާތާ ގުޅިގެން ކަލްޗަރަލް ފެސްޓިވަލެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި، ދިވެހިންގެ އާދަކާދަ އާއި، އިހުޒަމާނުގެ މަސައްކަތްތެރިކަން ވަނީ ރީތިކޮށް ދައްކުވައިދީފައެވެ. ބޭރު ގައުމުތަކުން ކުޅުދުއްފުއްޓަށް ޒިޔާރަތްކުރި ގިނަ ބަޔަކު ވަނީ މި ހަރަކާތްތަކުން އަޖައިބުވެ، ދިވެހި ސަގާފަތުގެ މުއްސަނދިކަމުގެ ތެރެއަށް ގެނެސްދިން ތަފާތު ތަޖުރިބާއެއްގެ ސަބަބުން ހިތްހަމަޖެހުން ފާޅުކޮށްފައެވެ.


ދިވެހިން ކުޅިވަރަށް ހުންނަ ފޯރިއާއި ޖޯޝު، މުބާރާތުގެ މެޗުތައް ހިނގަމުންދިޔަ ވަގުތު މުޅި ބީޗް ހޭންޑްބޯޅަ ކޯޓު ހިމެނޭ ސަރަހައްދު ގައުމީ ކުލައިން ޖަރީކޮށް، ދިވެހި ދިދަތައް ވިހުރުވަމުންދިޔަ ކުޅުދުއްފުށީ ރައްޔިތުންނާއި، އެކި ރަށްރަށުން އެރަށަށް ޒިޔާރަތްކުރި ދިވެހިން ވަނީ އަނެއްކާވެސް ދައްކާލާފައެވެ. މެޗުތަކަށް އެމީހުން ދިން ފޯރިއާއި ތަރުހީބަކީ މީގެ ކުރިން ރާއްޖޭގައި ހޭންޑްބޯޅަ މެޗެއްގައި ފެނުނު ވަރުގެ ތަރުހީބެއް ނޫންކަމަށް ގިނަ ބަޔަކު ދެކެއެވެ. މިއީ ހޭންޑްބޯޅައަށް ރާއްޖޭގައި، ޚާއްސަކޮށް ކުޅުދުއްފުށީގައި އޮތް ލޯތްބާއި ތަރުހީބު ހާމަކޮށްދިން މުބާރާތެކެވެ.

މި މުބާރާތުގެ ސަބަބުން ބޭރު ދުނިޔެއަށް ރާއްޖެ އިޝްތިހާރުވެ، ބޭރުން ޒިޔާރަތްކުރި މީހުން ވަނީ ކުޅުދުއްފުށީގެ ރީތި ހިއްގައިމު ވެށީގެ ޖާދޫގައި ޖެހިފައެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ރާއްޖެއަށް ޒިޔާރަތް ކުރަންޖެހޭ ވަރުގެ އެތައް ސަބަބެއް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ހިނިތުންވުމާއި، ފުރިހަމަ މެހެމާންދާރީ އާއި، ކީ މަރުހަބާއިން ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތަށް އެރަށަށް ޒިޔާރަތްކުރި އެކި ގައުމުތަކުގެ މީހުންނަށް ދައްކައިފިއެވެ.

ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރީ ރާއްޖެ، ޕާކިސްތާނު، އިންޑިއާ، ބަންގްލަދޭޝް އަދި ދެކުނު އެފްރިކާގެ ޓީމުތަކެވެ. މިފަދަ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގެ ރަށްތަކުގައި ބޭއްވުމަކީ، ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ އަދި ބާރުއަޅާ ކަމެކެވެ. މި މުބާރާތުގެ ކާމިޔާބީއާއެކު ރާއްޖެއަށް އިތުރު ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން