Ads by Stelco

ޚަބަރު

ރަތްމަންދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާނަމަ، ގެދޮރު އަޅަން ފަށާތާ 1 އަހަރުތެރޭގައި ބަދަލުކޮށްދޭނަން: ރައީސް

ރަތްމަންދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާނަމަ، ގެދޮރު އަޅަން ފަށާތާ 1 އަހަރުތެރޭގައި ބަދަލުކޮށްދޭނަން: ރައީސް

ރައީސް ޑރ މުޢިއްޒު ރަތްމަންދުއަށް ވަޑައިގަތުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ސެޕްޓެމްބަރު 2025، 03:49

22 ސެޕްޓެމްބަރު 2025، 03:49

ހުލާސާ


މުލަކަތޮޅު ރަތްމަންދޫގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރަން ނިންމައިފިނަމަ، ގެދޮރު ބިނާކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަތްމަންދޫގެ ރައްޔިތުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި، ރަށުގެ ރެޖިސްޓަރޑް ކޮންމެ ގެއަކަށް ތިން ކޮޓަރީގެ މިހާރުގެ އެކަށީގެންވާ ބޯހިޔާވަހިކަމެއް ދެއްވާނެއެވެ. އަދި ބަދަލުވާ އާއިލާތަކަށް މިހާރު ދެމުންގެންދާ 50,000 ރުފިޔާގެ އެހީގެ އަދަދު އިތުރުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރަތްމަންދޫ ކައުންސިލްގެ ރައީސް އިސްމާއީލް ނާހިދު ވިދާޅުވި ގޮތުގައި، ރަށުގައި ހިޖުރަކުރަން ބޭނުންވާ އާއިލާތަކާއި ރަށުގައި ތިބެން ބޭނުންވާ އާއިލާތައްވެސް އެބަތިބިއެވެ. އަދި ހިޖުރަކުރުމުގައި ރައްޔިތުންގެ ޚިޔާލު ރަސްމީކޮށް ހޯދުމާއި، ހިޖުރަކުރުމުން ރައްޔިތުންނަށް ލިބޭނެ މަންފާތައް ސަރުކާރުން ތަފްސީލީ ގޮތެއްގައި ރައްޔިތުންނާ ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރާނީ އާބާދީގެ 80 ޕަސެންޓްގެ ރުހުން ލިބިވަޑައިގަތުމުންނެވެ. އަދި މާލެ ކައިރިން ސަރަހައްދަކަށް ބަދަލުވުމުގެ ފުރުސަތު ރަތްމަންދޫ ރައްޔިތުންނަށް ދެއްވާނެ ކަމަށާއި، އެގޮތުން ތުލުސްދޫ ފަދަ ރަށްތަކުގައި އެ ފުރުސަތު ހުޅުވާލުމަށް ކައުންސިލުން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީ ރަށުގެ ކައުންސިލާއި ރައްޔިތުންނާއި އަދި ކަމާ ގުޅުންހުރި ވުޒާރާތަކާއި އިދާރާތައް މެދުވެރިކޮށް ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައިގެން ކުރިއަށްދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާބާދީ އެއްފަސްކުރުމަކީ ރަށް ތަރައްޤީވުމަށް ލިބޭ އިތުރު ބާރެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރަތްމަންދޫގައި ގެސްޓްހައުސް ފަދަ ވިޔަފާރިތައް ހިންގަމުންދާނަމަ، އެފަދަ ވިޔަފާރިތައް ހުއްޓާލަން ނުޖެހޭނެކަމަށާއި، ވިޔަފާރި އުސޫލުން އެކަންކަން ކުރިއަށް ގެންދެވިދާނެކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ރަތްމަންދޫގެ އާބާދީއަކީ 240 މީހުން ކަމުގައިވީ ނަމަވެސް، މިހާރު ރަށުގައި ދިރިއުޅެނީ އަށްޑިހަވަރަކަށް މީހުންނެވެ. ރައީސްއާއެކު ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވި ގިނަ ފަރާތްތަކުން ވަނީ ރަށުން ހިޖުރަކުރުމަށް އެދިފައެވެ.

ރަށުގެ ރައްޔިތުން ފާހަގަކުރި މައިގަނޑު މައްސަލަތަކުގެ ތެރޭގައި، ރަށުގެ 34 ޕަސެންޓް މީހުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމާއި، ބަނދަރާއި ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތްތައް ނެތުމާއި، ސްކޫލް ދަރިވަރުންނަށް ކިޔެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި ނެތުން ހިމެނެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން