Ads by Stelco

ޚަބަރު

ރައީސްގެ މުލަކުއަތޮޅު ދަތުރުފުޅުގެ ތެރެއިން ރަތްމަންދޫއަށް ވަޑައިގެންފި

ރައީސްގެ މުލަކުއަތޮޅު ދަތުރުފުޅުގެ ތެރެއިން ރަތްމަންދޫއަށް ވަޑައިގެންފި

ރައީސް ރަތްމަންދޫއަށް ވަޑައިގަތުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ސެޕްޓެމްބަރު 2025، 02:21

22 ސެޕްޓެމްބަރު 2025، 02:21

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މުލަކުއަތޮޅު ރަތްމަންދޫއަށް ވަޑައިގެންފިއެވެ.

މިއީ އެ މަނިކުފާނުގެ މިއަދުގެ ތިންވަނަ މަންޒިލެވެ. އަދި ޖުމުލަ ގޮތެއްގައި އެ މަނިކުފާނު މުލަކުއަތޮޅުން ވަޑައިގެންނެވި 5 ވަނަ ރަށެވެ. ރައީސުލްޖުމްހޫރިއްޔާ ރަތްމަންދޫއަށް ވަޑައިގެންނެވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރީންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ރަތްމަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ އެކު މަޝްވަރާ ބައްދަލުކުރެއްވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހައި އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ފަދަ ދަތުރުފުޅުތަކުގެ ބޭނުމަކީ، ރަށްރަށުގައި ހުރި ޢުމްރާނީ، އިޖުތިމާޢީ، އަދި އެ ނޫން ވެސް މައްސަލަތައް ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތައް ގާތުން އަޑު އައްސަވައި، އެ ކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތްކުރެއްވުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން