ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

މި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުލަކަތޮޅު ދިއްގަރު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މުލަކުއަތޮޅު ދިއްގަރު ކައުންސިލް އިދާރާގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ، ބަނދަރު އަޕްގުރޭޑް ކުރުމުގެ މަސައްކަތާއި، އަލަށް ބިން ހިއްކި ސަރަޙައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަވަހަށް ފެށުމަށް އެދިވަޑައިގެންފައެވެ. ހަމަ އެއާއެކު، ރަށު ހޮސްޕިޓަލަށް ފިޒިޝިއަނަކާއި ސީއެންބިއުލެންސްގެ ޚިދުމަތް ބޭނުންވާކަން ކައުންސިލުން ފާހަކުރެއްވިއެވެ.
މީގެ އިތުރުން، ސުކޫލްގައި ޖާގައިގެ ދަތިކަން ހުރުމުން އިތުރު ކުލާސްރޫމް ބޭނުންވާކަމާއި، ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން އަވަސް ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ކައުންސިލުން ވަނީ، ފެނަކައިގެ އިދާރީ މުވައްޒަފުން މަސައްކަތްކުރާނެ އިމާރާތެއް ނެތުމުން ދިމާވާ ދަތިތަކާއި، ރަށަށް ފުލުހުންގެ އިމާރާތެއް ބޭނުންވާކަން ވެސް ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުން ވަނީ ރަށުގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ .މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ