Ads by Stelco

ޚަބަރު

ދިއްގަރުގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މިއަހަރު ފަށާ، އިތުރު ތަރައްޤީ ގެނެސްދޭނަން: ރައީސް

ދިއްގަރުގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މިއަހަރު ފަށާ، އިތުރު ތަރައްޤީ ގެނެސްދޭނަން: ރައީސް

ރައީސް ދިއްގަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ސެޕްޓެމްބަރު 2025، 12:01

22 ސެޕްޓެމްބަރު 2025، 12:01

ދިއްގަރުގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މިއަހަރު ފަށާ، އެރަށަށް އިތުރު ތަރައްޤީ ގެނެސްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ދިއްގަރުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ  ތެރެއިން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނީ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށެވެ.  އެގޮތުން، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ މަސައްކަތް ޢަމަލީ ގޮތުން ފަށްޓަވާނެ ކަމަށާއި، މިހާރު އެކުލަވާލާފައިވާ އެއްބަސްވުމުގައި ހިމެނޭ ޢަދަދަށް ވުރެ އިތުރަށް ހައުސިންގ ޔުނިޓު އިމާރާތްކޮށްދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި 75 ޔުނިޓްގެ މަޝްރޫޢުގެ އިތުރުން، އިތުރު 75 ޔުނިޓް އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުއާ އެކުވެގެން ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ދިއްގަރުގެ ތަރައްޤީއަށް އިތުރަށް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ މަޝްރޫޢުތަކަށް އަލިއަޅުއްވާލާ، އެމަނިކުފާނު ވިދާޅުވީ، އެރަށުގެ ބަނދަރުގެ ހަލާކުވެފައިވާ ބައިތައް އަލުން ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ހަމަ މިއާއެކު، ދިއްގަރު ސްކޫލަށް އިތުރު 9 ކްލާސްރޫމަކާއި މަލްޓި-ޕަރޕަސް ހޯލެއް ބިނާކޮށްދެއްވާ، އެރަށުގެ ފުޓްބޯޅަ ދަނޑާއި، ހުއްޓިފައި އޮތް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތާއި، ވޮލީ ކޯޓުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ދިއްގަރު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވަނީ، މ. ދިއްގަރުގެ ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރައްވާފައެވެ. އަދި 30 އެނދާއި، ޞިއްޙީ އިތުރު ވަޞީލަތްތަކާއެކު، ދިއްގަރުގައި ހޮސްޕިޓަލެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން