ޚަބަރު
ދަރަނބޫދޫގައި ހިންގާ މަޝްރޫޢުތައް ރަނގަޅު ފެންވަރުގައި ކުރިއަށް ގެންގޮސްދެއްވައި، ތަރައްޤީ ގެންނާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ދަރަނބޫދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ރައީސް އޮފީސް
ފ. ދަރަނބޫދޫގައި ހިންގަން ނިންމާފައިވާ މަޝްރޫޢުތައް ރަނގަޅު ފެންވަރުގައި ކުރިއަށް ގެންގޮސްދެއްވައި، ދަރަނބޫދޫގެ ތަރައްޤީ ޔަޤީންކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެރަށުގައި މިއަދު ފެށި މަޝްރޫޢުތަކާއި ކުރިއަށް ހުރި މަޝްރޫޢުތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިއަދު ޢަމަލީ މަސައްކަތް ފެށި ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ނިމޭއިރު އެތަނުގައި ވަޞީލަތާއި ޖާގަ އިތުރުވެ، ޚިދުމަތްދޭ ވަގުތު 16 ގަޑިއިރަށް އިތުރުކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ދަރަނބޫދޫގައި މިއަދު ބިންގާއެޅި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ދާއިރު، ރަށުގައި އައުޓްޑޯ ވޮލީކޯޓަކާއި ފުޓްބޯޅަ ދަނޑެއްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމުގެ ޔަޤީންކަންވެ ސް އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. ހަމަ އެއާއެކު، ދަރަނބޫދޫއަކީ މޮޅު އެތުލީޓުން ގިނަ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ފުޓްބޯޅަ ދަނޑާއިއެކު ދުވާ ޓްރެކެއްވެސް ހައްދަވައިދެއްވާނެ ކަމަށެވެ.
ދަރަނބޫދޫގައި މިއަހަރު ތެރޭގައި، ފުލުހުންގެ އަމިއްލަ މަރުކަޒެއް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސުލްލްޖުމުހޫރިއްޔާ މިއަދު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. މީގެ އިތުރުން، ދަރަނބޫދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަކީ، އިތުރަށް ދިރާސާކޮށްގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢެއް ކަމުގައިވާތީ، އެކަމާއި ގުޅޭ ވުޒާރާއާއި ކައުންސިލްގެ މަޝްވަރާއާއި އެކު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ މިއާއެކު، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި، ރަށުގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.