ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ފ. ދަރަނބޫދޫ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

މި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން، ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި، މަލްޓިޕާޕަސް ހޯލަކާއި، އަދި އިތުރު ކުލާސް ރޫމް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ފުޓްބޯޅަ ކުޅޭނެ ދަނޑަކާއެކު ޓްރެކެއް ހަދައިދިނުމަށް ވެސް ކައުންސިލް މެންބަރުން ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.