Ads by Stelco

ޚަބަރު

ލަންކާގައި ޤަވާއިދާ ޚިލާފު ކޯސްތަކެއް ހިންގާތީ ސަމާލުވުމަށް އެދިއްޖެ

ލަންކާގައި ޤަވާއިދާ ޚިލާފު ކޯސްތަކެއް ހިންގާތީ ސަމާލުވުމަށް އެދިއްޖެ

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ސެޕްޓެމްބަރު 2025، 11:22

21 ސެޕްޓެމްބަރު 2025، 11:22

ސްރީލަންކާގެ ކަމާ ބެހޭ އޮތޯރިޓީތަކުން ހުއްދަ ދީފައިވާ މިންގަނޑާ ޚިލާފަށް މަތީ ތަޢުލީމުދޭ ޕްރޮގުރާމްތަކެއް ހިންގަމުންދާތީ، އެޤައުމުގައި ކިޔެވުމަށް ދިޔުމުގެ ކުރިން ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްކިޔުއޭއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސްރީލަންކާގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް، އެޤައުމުގެ ބައެއް މަރުކަޒުތަކުން ޕްރޮގްރާމްތައް ހިންގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، ހުއްދަ ދީފައިވާ މިންގަނޑާ ޚިލާފަށް ހިންގާ ހަޔަރ ޑިޕްލޮމާއިން މަތީގެ ޓަރޝަރީ ޕްރޮގްރާމްތައް އެހެން ޤައުމުތަކާ ގުޅިގެން ހިންގާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައާ ގުޅިގެން އެމްކިޔުއޭއިން ވަނީ މިފަދަ ޤަވާއިދާ ޚިލާފު ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތައް މީގެ ފަހުން ޤަބޫލުނުކުރާނެ ކަމަށް އިޢުލާންކޮށްފައެވެ. އަދި ލަންކާއަށް ކިޔަވަން ދިޔުމުގެ ކުރިން އެމްކިޔުއޭއިން ދޫކުރާ "އިންޓެންޑެޑް" ލިޔުން ހޯދުމަކީ މުހިންމު ކަމެއްކަމަށް އެ އޮތޯރިޓީން ވަނީ އިންޒާރުދީފައެވެ.

ސްރީލަންކާގެ މަތީ ތަޢުލީމީ ނިޒާމުގައި، ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެނީ ހަމައެކަނި ހަޔަރ ޑިޕްލޮމާއިން ދަށުގެ ޓަރޝަރީ ޕްރޮގްރާމްތަކަށެވެ. ޑިގްރީއަށްވުރެ މަތީ ފެންވަރުގެ ޕްރޮގްރާމްތަކަށް ހުއްދަ ދިނުމުގެ އިޚްތިޞާޞް ލިބިގެންވަނީ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަނާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ހަޔަރ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނަށެވެ.

އެމްކިޔުއޭއިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އެ އޮތޯރިޓީން ޤަބޫލުކުރާނީ ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ، އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތަކެވެ. އަދި މިއާއެކު، ލަންކާގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތައް ކަމުގައިވެސް ވާންޖެހޭނެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން