ޚަބަރު
ގިނަވެގެން 30 މަސްދުވަހުގެ ތެރޭގަ ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ނިލަންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުން:ފޮޓޯ- ފަރުދުން

ފަރުދުން
21 ސެޕްޓެމްބަރު 2025، 10:06
21 ސެޕްޓެމްބަރު 2025، 10:06
ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ރިޔާސީ ވަޢުދުފުޅެއް ކަމުގައިވާ، ނިލަންދޫގައި ވައިގެބަނދަރެއް ޤާއިމުކުރުމުގެ މަސައްކަތުގެ އަދާހަމަ ރައްޔިތުންނާ ވަނީ ރޭގެ ބައްދަލުކުރެއްވުމުގައި ހިއްސާކުރައްވާފައެވެ. އެގޮތުން، އެއަރޕޯޓު މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމަށް ބިން އިތުރުކޮށްގެން، 1800 މީޓަރުގެ ރަންވޭއެއް އެޅޭވަރަށް ބިން ހިއްކުމަށް އިރުޝާދު ދެއްވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ ރަށެއްކަމުން، އެ އަމާޒަށް ވާޞިލުވުމަށް އިތުރު ގިނަ މަޝްރޫޢުތަކެއް ހިންގަވާޏެ ކަމުގައެވެ. އެގޮތުން، ރަށުގެ ނަރުދަމާގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތާއި، ފެނުގެ ވިއުގަ ޤާއިމުކުރުމުގެ މަސައްކަތަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި ދެ މަސައްކަތް ނިމެމުންދާ މިންވަރަކުން މަގުހެދުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމާ ގުޅުންހުރި ކަންކަމަށް އަލިއަޅުއްވާލައްވަމުން، ނިލަންދޫގައި ޤާއިމުކުރާ ދަޅުބަންދުކުރާ ކާރުޚާނާގެ އިންޖިނިއަރިންގ، ޕްރޮކިއޮމަންޓް އަދި ކޮންސްޓްރަކްޝަން ކޮންޓްރެކްޓްގައި ސޮއިކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާރިޗު މަސް އަންނަން ވާއިރަށް، ނިލަންދޫވެސް ހިމެނޭހެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ފިއުލް ސްކިޑް ބަހައްޓަން ކަނޑައެޅި ރަށްރަށުގައި އެ މަސައްކަތް ފުރިހަމަކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށްގެންދަވަނީ ލާމަރުކަޒުކޮށް، ރައްޔިތުން ގާތަށް ވަޑައިގެން، ރައްޔިތުން އެދޭގޮތް އޮޅުންފިލުއްވައިގެންކަމުގައެވެ. އެގޮތުން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ދާނަމަ، މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ދެވަނަ ފަހަރަށް ބައްދަލުކުރެއްވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.