Ads by Stelco

ޚަބަރު

ކުށްކުރާ މީހުންނަށް އަދަބު ދިނުމުގަ މޫނަކަށް ކަނދުރާއަކަށް ނުބަލާނަން: ރައީސް

ކުށްކުރާ މީހުންނަށް އަދަބު ދިނުމުގަ މޫނަކަށް ކަނދުރާއަކަށް ނުބަލާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ-ރައީސް އޮފީސް

farudhun logo

ފަރުދުން

21 ސެޕްޓެމްބަރު 2025، 09:53

21 ސެޕްޓެމްބަރު 2025، 09:53

ކުށްކުރާ މީހުންނަށް އެމީހުންގެ މޫނަށް، ކަނދުރާއަށް ބެލުމެއް ނެތި ކުރާ ކުށުގެ ހަރުކަށި އަދަބު ދެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ފ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޑްރަގްގެ މައްސަލަ ގިނަ ވެފައިވާ މުޖުތަމަޢެއްގައި ގިނަ ފަހަރު ކުށަށް އަދަބު ދެވިިފައި ނުވާ ކަމަށާއި، ކުރީގެ ސަރުކާރުތަކުން ފަހަތުފަޔަށްބުރަވިކަމުގައި ވިޔަސް، މި ސަރުކާރުން އެއްވެސް ދުލެއް ނުދެއްވާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.  އެމަނިކުފާނު އިތުރަށް ވިދާޅުވީ، ހިންގަވާނީ ޤަނޫނުގެ ވެރިކަން ކަމަށާއި ކުށްވެރިންނަށް އޭގެ ޙައްޤު އަދަބު ދޭނެ ކަމުގައެެވެ. އެގޮތުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި މިއަދު ކޯޓުން އިއްވި ޙުކުމްތަކަށާއި، ދާދިފަހުން ތަޞްދީޤުކުރައްވައި ޢަމަލުކުރަން ފަށާފައިވާ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތް މިހާރު ކުރައްވަމުންގެންދަވާ ކަމަށާއި، މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް އެ ބިލު ހުށަހަޅުއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑު ތިން މައްސަލަ ކަމުގައިވާ ޑްރަގުގެ މައްސަލައާއި، ނުޤަވާޢިދުން އުޅޭ ބިދޭސީންގެ މައްސަލައިގެ އިތުރުން ގޭންގު ކުއްތަކުގެ މައްސަލަ ޙައްލު ކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި މޫލާފައިވާ ބޮޑު ތިން މައްސަލައެއް ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް މިއަދު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށާ މި އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކޮށް، އެމީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ ބޮޑެތި ރަށްރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށުގެ މައްސަލައަކީވެސް، އަމިއްލަ މަންފާ އިސްކުރުމުގެ ސަބަބުން މީގެ ކުރިން ޙައްލުނުކުރެވި، މޫލާފައިވާ މައްސަލަތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރުން މި މައްސަލަތައް ޙައްލުކުރައްވާނީ، މޫނަށް ކަނދުރާއަށް ބެއްލެވުމެއް ނެތި، ޖުޑީޝަރީ އާއި ތަންފީޒީ އިދާރާތަކަށް ނުފޫޒު ނުފޯރުވާ ކަމުގެ ޔަޤިންކަން އެމަނިކުފާނު ދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން