ޚަބަރު
ބިލެއްދޫގެ ތަރައްްޤީއަށް ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން އެރަށު ކައުންސިލާ ރައީސް މަޝްވަރާކުރައްވައިފި

ރައީސް މުޢިއްޒު ބިލެތްދޫ ކައުންސިލާއި ޑަބްލިޔުޑީސީ ގެ މެމްބަރުންނާއި ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. ބިލެތްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކާ ގުޅޭގޮތުން ރަށުގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައިފިއެވެ.
ބިލެތްދޫ ސްކޫލްގައި ބޭއްވުނު މި ބައްދަލުވުމުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރައްޔިތުންގެ އެދުމާ އެއްގޮތަށް ރަށުގެ ބަނދަރު ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށާއި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ. މި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަންކަން ބައްލަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމަކީ ރަށުގެ ތަރައްޤީއަށް ކުރިއަށްދާ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ.