ޚަބަރު
ބިލެތްދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފަށައިފި

ބިލެތްދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެށުން
ފ.ބިލެތްދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ.
އެ ރަށުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރުގެ އިތުރުން، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމާއި ބިލެއްދޫ ކައުންސިލުގެ ރައީސް އަރީހު އިސްމާއިލް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މަޝްރޫއަކީ ބިލެތްދޫ ޞިއްޙީ މަރުކަޒުން ރައްޔިތުންނަށް ދެމުން އަންނަ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ސަރުކާރުން ހިންގަން ނިންމި މަޝްރޫއެކެވެ. މި އާ އިމާރާތް ގާއިމުކުރުމުން ބިލެތްދޫގެ ރައްޔިތުންނަށް ލިބޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ދޫކޮށްލާފައިވާ އެއް ނިޒާމަކީ ސިއްހީ ނިޒާމު ކަމަށް ގިނަ ބަޔަކު ފާހަގަކުރާއިރު، އެ ނިޒާމު ރަނގަޅު ކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން އިތުރަށް ތަރައްޤީ ކުރުމާއި، އާ ޚިދުމަތްތައް ފެށުމާއި، އެކިއެކި ބޮޑެތި ފަރުވާގެ ބަލިތަކަށްވެސް ހައްލު ހޯދައިދިނުމުގެ މަސައްކަތް ހިމެނެއެވެ. ބިލެތްދޫ ސިއްހީ މަރުކަޒުގެ މި މަޝްރޫއަކީވެސް، ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، އެތަންތަން އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މުހިއްމު ބައެކެވެ.