ޚަބަރު
ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ބިލެތްދޫގައިވެސް ފަށައިފި

ރައީސް މުޢިއްޒު ބިލެތްދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވަނީ
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.
މި ޚިދުމަތް ފަށްޓަވައިދެއްވީ އެމަނިކުފާނު ފ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ބިލެތްދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން މަޢުލޫމާތު ދެއެވެ. މި ޚިދުމަތް ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާ ހަނދާނީ ބޭންކު ކާޑެއް ހަވާލުކުރައްވާފައެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ މި ޚިދުމަތް ޤާއިމްކޮށް ދޭން ފަށާފައެވެ. އެންމެ ފަހުން އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް ނިންމާފައިވަނީ ވ. އަތޮޅުގައެވެ.
އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާއިރު، ބޭންކުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއްގެ ގޮތުގައި ބީއެމްއެލްއިން މިހާރު ވަނީ 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 222 އޭޓީއެމް ޤާއިމްކޮށްފައެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.