Ads by Stelco

ޚަބަރު

ކަނޑުތަކާ ބެހޭ ބައިނަލްއަޤުވާމީ ހަމަތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ތަމްރީންތަކެއް ފަށައިގެން ކުރިއަށްގެންދަނީ

ކަނޑުތަކާ ބެހޭ ބައިނަލްއަޤުވާމީ ހަމަތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ތަމްރީންތަކެއް ފަށައިގެން ކުރިއަށްގެންދަނީ

ކަނޑުތަކާ ބެހޭ ބައިނަލްއަޤުވާމީ ހަމަތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ތަމްރީނު ފަށައިގެން ކުރިއަށް ގެންދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ސެޕްޓެމްބަރު 2025، 04:23

20 ސެޕްޓެމްބަރު 2025، 04:23

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ލީގަލް އެފެއަރސްގެ ޑިވިޝަން ފޮރ އޯޝަން އެފެއަރސް އެންޑް ލޯ އޮފް ދި ސީއާ ގުޅިގެން ކަނޑުތަކާ ބެހޭ ބައިނަލްއަޤުވާމީ ހަމަތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ތަމްރީންތަކެއް ފަށައިފިއެވެ.

މިތަމްރީން ފެށުމުގެ ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ޙުސައިން ޝަރީފް ވިދާޅުވެފައިވަނީ، މިޕްރޮގްރާމުގައި ކަނޑުގެ ވަޞީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ތަމްރީންދެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ސަރަހައްދީ ޤައުމުތަކުގެ އެކި ތަޖުރިބާކާރުން ބައްދަލުވެ، ކަނޑުގެ ވަޞީލަތްތައް ބޭނުންކޮށްގެން އިޤުތިޞާދީ ކުރިއެރުން ހޯދިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މަގުފަހިވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، "ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމާއި ދިވެހި އިޤުތިޞާދުގައިވެސް މަސްވެރިކަމުގެ ދާއިރާ މުހިންމު ދައުރެއް އަދާކުރޭ. ރާއްޖޭގެ ޤާނޫނުން މަސްވެރިކަމުގައި ހުރި ނަހަމަ އެތައް ކަމެއް މިހާރު ވަނީ މަނާކޮށްފައި. އަދި މަސްވެރިން ބާރުވެރިކޮށް، އިންވެސްޓްމަންޓް ފަހިކޮށްދީ، މަސްވެރިކަމުގެ އުފެއްދުންތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުން” ކަމަށެވެ. 

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ތަމްރީން އަމާޒުކުރެވިފައިވަނީ މައިގަނޑު ދެ މަޢުޟޫއަކަށެވެ. އެއީ ކަނޑުތަކުގެ ޤާނޫނާއި ގަވަރނަންސްގެ އިތުރުން ޔުނައިޓެޑް ނޭޝަންސް ފިޝް ސްޓޮކް އެގްރީމެންޓް ތަންފީޒުކުރުމެވެ.

މި ތަމްރީނަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން