Ads by Stelco

ޚަބަރު

ކަންކަމުގެ ޙަޤީގަތް ގެނެސްދިނުމަށް، ތަންމިނަށް ފުޅާމިނަށް މިނިވަންކަން އެބައޮތް: ރައީސް

ކަންކަމުގެ ޙަޤީގަތް ގެނެސްދިނުމަށް، ތަންމިނަށް ފުޅާމިނަށް މިނިވަންކަން އެބައޮތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

20 ސެޕްޓެމްބަރު 2025، 12:30

20 ސެޕްޓެމްބަރު 2025، 12:30

ތެދުބަހުން ވާހަކަދައްކާ، ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ގެނެސްދިނުމުގެ މިނިވަންކަން، ސިޔާސީ ފަރާތްތަކާއި، މީޑިއާ އާއި ރައްޔިތުންނަށްވެސް، އެއްވެސް ހިފެހެއްޓުމެއް ނެތި އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެލިދެއަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުންވެސް އަންގަނީ، ސާބިތުނުކުރެވޭ ވާހަކަ ނުދެއްކުމަށްކަމަށާއި، ސާބިތުނުކުރެވޭ ވާހަކައެއްނަމަ، އެއީ ސާބިތުނުކުރެވޭ ވާހަކައެއްކަން ހާމަކުރުމަށްކަމަށެވެ. އަދި އެ ޤާނޫނާ ބެހޭގޮތުން ގޮތްނިންމުމުގައިވެސް، މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ބުއްދިން ވިސްނައިގެން ގޮތްނިންމުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ފަލްސަފާއަކީ ދިވެހި މުޖުތަމަޢުގައި ހަމަޖެހުން ޤާއިމުކުރެއްވުމުގެ މަސައްކަތް ކުރެއްވުން ކަމުގައާއިި، ކޮންމެ މީހަކަށްވެސް އަބުރަކާއި ޢިއްޒަތެއް ލިބިގެންވާކަން ހަނދާންކޮށް އެކަކު އަނެކަކަށް އިޙުތިރާމުކުރާ އެއްބައިވަންތަ މުޖުތަމަޢެއް ޤާއިމުކުރަންޖެހޭކަމަށެވެ.  އަދި އެގޮތަށް ކޮންމެ ރައްޔިތެއްގެ ޢަމަލުތައް ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީޑިއާގެ ޤާނޫނާ ގުޅިގެންވެސް ތަފާތު ދޮގުތައް ފަތުރަމުންދާ ކަމަށެވެ. ޤާނޫނުގައި އޮތްގޮތާއި ޚިލާފަށް މިފަދަ ދޮގުތައް ފެތުރުމަކީ ވަރަށް ނާތަހުޒީބު ޢަމަލުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

ޙަޤީޤަތް ނުބަލައި ސޯޝަލް މީޑިއާ ބޭންކުރަނީއޭ ކިޔައިގެން ފިތުނަ ފަސާދަ މި އުފައްދަނީ. ފިތުނަ ފަސާދަ އުފެއްދުން އެއީ ނުބައިކަން ބޮޑުވެގެންވާ ކަމެއް. ފިތުނަ ފަސާދަ މި ޤައުމުގައި ފަތުރާކަށް ފުރުޞަތެއް ނުދޭނަން. މިހުރީ މާތް ﷲ ގަންދީ ހުވައެއްކޮށްގެން. އިސްލާމްދީނާ އެއްގޮތަށް މި ޤައުމުގައި ކަންކަންކުރުމަށް. ޤާނޫނުއަސާސީއާ އެއްގޮތަށް ދައުލަތް ހިންގަން އަޅުގަނޑާ ހަވާލުކޮށްފައި މިއޮތީ. އެކަމުގައި އަޅުގަނޑު އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅަން.

 ރައީސް ވިދާޅުވިއެެވެ.

އެމަނިކުފާނު ދިވެހި ޤައުމުގެ ރިޔާސަތާ ހަވާލުވެޑައިގަތީ ޤާނޫނު ނެގެހެއްޓެވުމަށްކަން ފާހަގަކުރައްވައި، ޤާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނޭކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ. މާތްﷲ ގަންދެއްވާ އެމަނިކުފާނު ހުވާ ކުރައްވާފައިވަނީ އިސްލާމީ ހަމަތަކާއި އެއްގޮތަށް ދައުލަތް ހިންގެވުމަށްކަމަށާއި، އެގޮތުގައި އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކުގައި ކަމަށާއި، އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން